މާލޭގެ ފަސް ވަނަ އަވަށް ކަމަށްވާ ވިލިމާލެއަކީ ގުދުރަތީ ފެހިކަމާ އެކު އޮންނަ ރަށެއް ގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރަން ރޭ ބޭއްވި ޖަލްސާގައި ވިލިމާލޭގެ އާންމު ރައްޔިތަކު ދެއްކި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އުފެދިފައިވާ ބަހުސްގެ ތެއަށް ވަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވިލިމާލެއަކީ ކޮންކްރީޓް ޖަންގަޔަކަށްވިޔަ ދީގެން ނުވާނެ ކަމަށެވެ.
"ވިލިމާލެއަކީ ފެހިކަމާއި ގުދުރަތީ ތޮބިއްޔަތާއި ސިފަތައް ހިމާޔަތް ކުރެވިފައިވާ ކޮންކްރީޓް ޖަންގަޔަކަށް ނުވާ ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ވިދާޅުވީ ވިލިމާލެ ބްރިޖުން މާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅާލުމާ އެކު އުސް ކޮންކްރީޓް އިމާރަތްތައް އެ ތަންތަނުގައި އިސާހިތަކު އަޅާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ވިލިމާލޭ ރައްޔިތަކު ބުނި ގޮތުގައި އެ ރަށުގައި އުޅޭ ގިނަ މީހުން ބޭނުން ވަނީ ގަސްތައް ކަނޑާފައި ފްލެޓް އަޅާށެވެ. މިވީހާ ތަނަށް ވިލިމާލެ ރައްޔިތުންނަށް އެއްވެސް ކަމެއް ސަރުކާރުތަކުން ކޮށްދީފައިނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މި ސަރުކާރުން ވަނީ ވިލިމާލޭގައި ހައުސިން މަޝްރޫއުއެއް ހިންގަން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ފްލެޓްތައް އަޅާ ސަރަހައްދަކީ ވިލިމާލޭގެ ފުނަވާ ހިމެނޭ ސަރަހައްދު ކަމުން އެ ތަނުން ބައެއް ގަސްތައް ކަނޑާ ގޮތަށް ހަމަޖެހުނެވެ.
ނަމަވެސް، އެކަމާ ދެކޮޅަށް ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ މީހުން ކުރި އިޖުތިޖާޖުތަކާއި ކޯޓަށް މައްސަލަ ހުށަހެޅުމާ އެކު ސަރުކާރުން ވަނީ ގަސްތައް ނުކަނޑާ، އެ ފްލެޓްތައް އެހެން ސަރަހައްދެއްގައި އަޅަން ނިންމައިފަ އެވެ.
ފްލެޓް މަޝްރޫއުގެ އިތުރުން ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ވެސް މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވެ އެވެ.