ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.
ހެނދުނު 9:00 ގައި ފެށި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
ޕީއެންސީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރަ އެވެ.
މާލޭގައި ވޯޓުލާ ސަރަހައްދުތައް
- މާލެ، އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫގެ މީހުން
- މާލެ، އިސްކަންދަރު ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ ސިޓީތައް ފިޔަވާ އެހެން ރަށްރަށުގެ މީހުން
- ހުޅުމާލެ 2، ކާމިލް ދީދީ ޕްރީސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ ހުޅުމާލެ އުތުރު ދާއިރާގެ މީހުން
- ހުޅުމާލެ 1، ރެހެންދި ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ ހުޅުމާލެ ދެކުނު ދާއިރާގެ މީހުން
- ވިލިމާލެ، މުހިއްޔުއްދީން ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް ވޯޓުލަނީ ވިލިމާލެ ދާއިރާގެ މީހުން
މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއް ކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އެހެންވެ، މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް އެކަންޏެވެ.
އީސީގެ ދަފްތަރުގައިވާ ގޮތުގައި މިވަގުތު އެ ޕާޓީގައި 74،048 މެމްބަރު އެބަތިއްބެވެ.
ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.