ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި މިއަދު މެންދުރު 12:00 އިން ފެށިގެން މާދަމާގެ މެންދުރު 12:00 ގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސް އެގޮތަށް ނިންމެވީ ރާއްޖެ އާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހު ހަމަދު ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާ މެދު ބެހެއްޓެވި ގާތްކަމާއި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޝައިހް ހަމަދުގެ ޖަނަޒާ ރަސްމީ އިއްޒަތުގައި އިއްޔެ ވަނީ ބާއްވައިފަ އެވެ.
ޝައިހު ހަމަދު އަވަހާރަވުމާ ގުޅިގެން ގަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު މިއަދު ހެނދުނު ވަނީ އެ ގައުމަށް ވަޑައިގެންފަ އެވެ.
ގަތަރު ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ވަނީ ގަތަރަށް ވަޑައިގެންފަ އެވެ.
ޝައިހު ހަމަދަކީ ޒަމާނީ ގަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. އޭނާ ވަނީ 1995 އިން 2013 އަށް ގަތަރުގެ ވެރިކަން ކުރައްވައި، އެ ގައުމަށް އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައިފަ އެވެ.
ޝައިހު ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.