ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު މިއަދު ހެނދުނު ގަތަރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
މި ދަތުރުފުޅަކީ، އިއްޔެ އަވަހާރަވި ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން، ގަތަރުގެ މިހާރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލް ސާނީ އަށާއި އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށާއި އެ ބޭފުޅުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގަތަރު ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ވަނީ ގަތަރަށް ވަޑައިގެންފަ އެވެ.
ޝައިހު ހަމަދަކީ ޒަމާނީ ގަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. އޭނާ ވަނީ 1995 އިން 2013 އަށް ގަތަރުގެ ވެރިކަން ކުރައްވައި، އެ ގައުމަށް އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައިފަ އެވެ.
ޝައިހު ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.
މިހާރު މީޑިއާގައި ނުފޫޒުގަދަ "އަލް ޖަޒީރާ" އަކީ ވެސް ހަމަދުގެ ވެރިކަމުގައި 1996 ވަނަ އަހަރު ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދި ނެޓްވޯކެކެވެ.