ކިޑްނީ ފެއިލްވެ ޑައިލިސިސް ހަދަން ޖެހޭ މީހުން ރާއްޖޭގައި ގިނަވަމުން ދާއިރު މި ވޭން އުފުލަންޖެހޭ ޒުވާނުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މި ކަންބޮޑުވުމާ އެކު، ސަރުކާރުގެ މައި ހޮސްޕިޓަލުން މި ހަފްތާގައި ވަނީ މުހިންމު ކަމެއް ސަމާލުކަމަށް ގެނެސްފަ އެވެ. 

އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ޑރ. އަމިނަތު ރައުޝާ ވިދާޅުވީ ހަށިގަނޑަށް އަންނަ ވަގުތީ ތަދުތަކަށް ލުޔެއް ހޯދުމަށް، ބާރުގަދަ ބޭސްތައް ބޭނުންކުރާ ނަމަ އެކަމުގެ ސަބަބުން ކިޑްނީ ހަލާކުވެދާނެ ކަމަށެވެ. 

ރައުޝާ ވިދާޅުވީ ދިވެހިންނަކީ ކުދިކުދި ތަދުތަކަށް ވެސް ވަރަށް ބާރުގަދަ، ތަދުކަނޑުވާ ބޭސްތައް ބޭނުންކުރާ ބައެއް ކަމަށެވެ. އޭގެ ތެރޭގައި އާދައިގެ ހުންތަކާއި ބޮލުގައި ރިހުން ފަދަ ކަންކަމަށް ޑައިކްލޯފެނަކް ކަހަލަ ބާރުގަދަ ބޭސްތައް ބޭނުންކުރާ ކަމަށާއި އެފަދަ ބޭސްތަކަކީ އާންމުގޮތެއްގައި ބޭނުންކުރާ ނަމަ، ކިޑްނީއަށް ލޭ ދައުރުކުރާ މިންވަރު މަދުކޮށްލާ ބޭސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ދިވެހިންނަކީ ކުދިކުދި ތަދުތަކުގައި ވެސް ވަރަށް ބާރުގަދަ ތަދުކަނޑުވާ ބޭސްތައް ބޭނުންކުރާ ބައެއް. އެންމެ އާންމު ހުން، ބޮލުގައި ރިހުން، ޑައިކްލޯފެނަކް ކަހަލަ ބާރުގަދަ ބޭސް ބޭނުންކުރެވޭ. މިފަދަ ބޭސްތަކަކީ އާންމު ގޮތެއްގައި ބޭނުންކުރާ ނަމަ، ކިޑްނީއަށް ލޭ ދައުރުކުރާ މިންވަރު މަދުކޮށްލާ ބޭސްތަކެއް،"

 

އެހެންވެ، އެފަދަ ބޭސްތައް ބޭނުންކުރާއިރު ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މައްޗަށްދާ މީހުން އަދި ކުރިން ވެސް ކިޑްނީ ބަލި ތަހައްމަލުކޮށްފައިވާ މީހުން ސަމާލުވުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ޑޮކްޓަރެއްގެ ލަފަޔަކާ ނުލައި އެފަދަ ބޭސްތައް އާންމުކޮށް ބޭނުންކުރުމަކީ ކިޑްނީ އެއްކޮށް ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށާއި އެހެންވެ، އެކަމަށް ސަމާލުވުމަށް އެދިވަޑައިގަތެވެ. 

"ޑޮކްޓަރެއްގެ ލަފައަކާ ނުލައި މިފަދަ ބޭސްތައް އާންމުކޮށް ބޭނުންކުރުމަކީ ކިޑްނީ އެއްކޮށް ހަލާކުވެދާނެ ކަމެއް. އެހެންކަމުން ވަގުތީ ތަދުތަކަށް ލުޔެއް ހޯދުމުގެ ތެރެއިން ކިޑްނީ ހަލާކުވެގެން ދިޔަ ނުދެމާ."

ރާއްޖޭގައި ކިޑްނީ ބަލި ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް އިތުރުވަމުން ދާ ކަމަށް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކުރި ނަމަވެސް، އޭގެ ރަސްމީ ތަފާސްހިސާބުތަކެއް ނެތެވެ. 

ކިޑްނީ ފެއިލްވެ، އެ ނޫން އެހެން ގޮތެއް ނެތި، ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ އެތައް ބަޔަކު ރާއްޖޭގައި އެބަތިއްބެވެ.