އާޖެންޓީނާ އާއި އިންގްލެންޑް މިރޭ ބައްދަލުކުރާ ސެމީ ފައިނަލްގެ ފޯރިގަދަ ފުޓުބޯޅަ މެޗަށް ފަހު އުފާޅާޅުކުރުމުގައި މުޖުތަމައުގެ އަމާންކަން ގެއްލޭނެ ކަހަލަ އެއްވެސް ކަމެއް ނުކުރަން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ނެރުނު އިލްތިމާސެއްގައި ބުނީ މިރޭ އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުން އަންނައިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމުކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް އެދޭ ކަމަށެވެ. 

ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ ސެމީ ފައިނަލްގެ މެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 ގަ އެވެ. 

ދަންވަރުގެ ވަގުތުތަކަކީ ގިނަ ބަޔަކު އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި ބާރަށް ލަވަޖެހުމާއި އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ކަހަލަ، އެހެން މީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިވާނެހެން ސައިކަލުތަކުގައި މަޑުކޮށްގެން ނުތިބުމަށާއި މެޗު ނިމުމަށް ފަހު ބައިބަޔަށް އެއްވުމާއި ސައިކަލު ބުރު ޖެހުން ކަހަލަ ކަންކަން ނުކުރުމަށް އެދޭ ކަމަށެވެ. އެ ކަހަލަ ހަރަކާތްތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.  

ފުލުހުން ވަނީ މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވަށްޓެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ސްކްރީންތައް ކައިރިއަށް މެޗު ބަލަން ކޮންމެ ރެޔަކު ވެސް ގިނަ ބަޔަކު އެއްވެ، އެތަނުގައި ފޯރި ނަގަ އެވެ. އަދި ހާއްސަކޮށް، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝްގެ އާބާދީގެ ތެރޭގައި އާޖެންޓީނާގެ ސަޕޯޓަރުން ގިނަ އެވެ. އެ ޓީމު ކުޅޭ ރޭތަކުގައި ގިނަ ބަޔަކު ޖަމާވެ މެޗުގެ ފޯރި ނަގައި މަގުތަކުގައި ބުރުޖެހުން ފަދަ ކަންކަން ދަންވަރު ވަގުތު ވެސް ކުރެ އެވެ. 

އާޖެންޓީނާ އާއި އިންގްލެންޑް މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ވޯލްޑް ކަޕުގެ ފައިނަލުގައި ސްޕެއިންއާ ބައްދަލުކުރާނެ އެވެ. ފައިނަލް މެޗު ކުޅެނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ.