މާލޭގެ މަގުތައް ހަދަން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭ މަގުތައް ޒަމާނީކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި އިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމް އަދި އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމު ވެސް މަގުތަކުގައި  ބަހައްޓާނެ ކަމަށެވެ.

ޗައިނާގެ އެހީގައި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ވެސް ހިމެނެ އެވެ. 

"މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ވީ އެންމެ ބޮޑު އެއް ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް މި ފެށެނީ. ފެށިގެން ދެން ނިމޭނީ އެއްކޮށް މަސައްކަތް ކޮމްޕްލީޓުކޮށްފައި އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

"ޒަމާންތަކެއް ވީ ބޮޑު މައްސަލައަކަށް މި އަންނަނީ ހައްލެއް. އޭގެ ތެރޭގައި ހަމައެކަނި ފަސޭހަ، ހިތްގައިމު މަގުތަކެއް ލިބެނިކީ ނޫން."

މަގުތައް އެއްކޮށް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް މީގެ ކުރިން ގެންގޮސްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ކަމަށާއި އެއަށް ފަހު އެ މަގުތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރު ފަށާ އެ މަޝްރޫއުގައި ބޮޑުތަކުރުފާނު މަގެއް ނުހިމެނެ އެވެ.

މި ސަރުކާރުން ވަނީ ބޭރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހި ނިންމައި ދެ ވަނަ ފިޔަވަހި ފަށައިފަ އެވެ.

ފުރަތަމަ ފިޔަވަހީގައި ނޯތު ހާބަރުން ފެށިގެން އެމްއެމްއޭއާ ސަރަހައްދުގެ މަގު ފުޅާކޮށް ބޭނުންކުރަން ވަނީ ފަށައިފަ އެވެ. 

ރައީސް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހިމެނޭ އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގައި ހުޅުވާނެ ކަމަށެވެ.

އެ މަގު ހަދައި ނިމުމުން އޭގެ ފައިދާ ލިބޭނީ ހަމައެކަނި މަގު ބޭނުންކުރާ މީހުންނަށް އެކަނި ނޫންކަމަށާއި އެތެރޭގެ މަގުތަކަށް ވެސް ލުއިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޮފީސްތައް ގިނަ އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ ޕާކިން ސަރަހައްދެއް ކަނޑައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއަށްފަހު، ބޮޑުތަކުރުފާނު މަގު ހެދުމަށް ތިން ވަނަ ފިޔަވަހި ފަށަން ވަނީ ނިންމައިފަ އެވެ.

ތިން ވަނަ ފިޔަވަހީގައި ހިމެނެނީ އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށެވެ. 

އެއީ އެންމެ ބޮޑަށް ގާތަށް މުގުރި ހަލާކުވެފައިވާ ސަރަހައްދު ކަމަށާއި އެ ހުރިހާ ފިޔަވައްސެއް ފުރިހަމަކުރެވުމުން މާލޭގެ ބާޒާރުމައްޗާއި ވިޔަފާރި ސަރަހައްދު އަދި އެ މަގުތައް ބޭނުންކުރާ އެންމެންނަށް ލުއިފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ބޭރުމަގު ފުޅާކުރަން ފަށާފައިވަނީ ފަޅު ހިއްކައިގެން ކަމަށް ވިއަސް ރައީސް ވިދާޅުވީ މަގުން ބޭރަށް ނެރޭ ބައި ތަރައްގީކުރަނީ ތިން ފަރާތުން ކީވޯލް ހުންނަ ގޮތަށް ކަމަށް ވާތީ އުޅަނދުފަހަރަށް ތޮށިގަނޑާ ކައިރިކުރަން ލިބޭ ޖާގަ އިތުރު ވާނެ ކަމަށެވެ. 

އެފަދަ މަޝްރޫއުތަކުން ތޮއްޖެހުމަށް ލުޔެއް ލިބުނަސް މާލޭ ސަރަހައްދު ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ، ރައީސް ވިދާޅުވި ގޮތުގައި، ހިދުމަތްތަކާއި ފުރުސަތުތައް އަދި ބޯހިޔާވަހިކަން ލާމަރުކަޒުކޮށް ސަރަހައްދީ ތަރައްގީ ގެނެސްގެންނެވެ. 

ދުރު ރާސްތާގެ ހައްލާއެކު، އޭގެ ޒާތުގައި މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަގު ހެދުމުގެ މަޝްރޫއު އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މާލޭ ސަރަހައްދަށް އަމާޒުކޮށްގެން މިހާރު ވެސް ކުރިއަށްގެންދަނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓު ދިރިއުޅޭ މި ސަރަހައްދަށް މި ވަގުތަށް ބޭނުންވާ ހައްލުތައް ފޯރުކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.