މީރާގެ 16 އަހަރުގެ ތާރީހުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
މީގެ ކުރިން މި މަގާމު އަދާކުރެއްވި ތިން ބޭފުޅުންނަކީ ވެސް ފިރިހެން ބޭފުޅުންނެވެ.
ރައީސް އޮފީހުން ބުނީ ޓެކްސް ބަލައިގަންނަ އިދާރާގެ އިސްވެރިއަކަށް، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްކަމުގެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ހަމަޖައްސަވާފައިވާ ކަމަށެވެ.
މީރާގައި 16 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އަމީޒާ ވަނީ އެންފޯސްމަންޓް ޑިވިޝަންގެ ހެޑްގެ މަގާމާއި ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދަން ޑޭޓާ އެނަލިޓިކްސްއިން ބިނާވެފައިވާ ސިޔާސަތުތަކުގެ އެހީގައި މަސައްކަތް ކުރައްވައިފަ އެވެ.
އަމީޒާ ވަނީ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެޕްލައިޑް އެކައުންޓިންއިން ފުރަތަމަ ޑިގްރީ އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން ސައިންސް އިން އެކައުންޓިން ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
މީރާގެ ކޮމިޝަނާ ޖެނެރަލްގެ އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، މިދިޔަ މަހު ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.
އެހެންވެ، އެ މަގާމަށް އިއުލާންކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ ދެބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވި އެވެ. އެއީ އަމީޒާގެ އިތުރުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲގެ ނަމެވެ.
ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ވަނީ މިދިޔަ ބުދަ ދުވަހު ފާސްކޮށްފަ އެވެ،