ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި އޭނާގެ ނައިބުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ބޭފުޅެއްގެ ނަން ފޮނުއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އެ ދެ ގާމަށް ޝައުގުވެރިވެގެން، ނަން ހުށަހެޅި މީހުންގެ ނަންތައް މަޖިލިހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. ނަމަވެސް އެ މީހުންގެ ތަފްސީލެއް ނުދެއްވަ އެވެ.
އެ ދެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން މިދިޔަ މަހު ހުޅުވައިލުމުން، ކޮމިޝަނާގެ މަގާމަށް ދެ ބޭފުޅަކު އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވި ނަމަވެސް އެ ބޭފުޅުންގެ ނަންތައް ހާމަކުރަނީ މަޖިލީހުގެ ތަޅުމަށް ނަންތައް ހުށަހެޅުމުންނެވެ.
މީރާ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. މީރާގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިއިރު، އެ އިސްލާހު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި މީރާ އަށް ވެރިން އައްޔަން ކުރަން ޖެހެ އެވެ.
އެކަމަކު އެކަން ނުވެ އުޅެނިކޮށް ގާނޫނުގައި ބުނާ އެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.
ކޮމިޝަނާ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އައްޔަން ކުރުން މަޖިލީހުގައި އަދި އެޖެންޑާއެއް ނުކުރެ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ކުރިން އޮތް ގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެވެ. އެ ގާނޫނަށް ގެނައި އިސްލާހު ބުނާ ގޮތުން ބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތަކާއި ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެއްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ. ފިނޭންސް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މީރާ ބޯޑުގެ ޗެއާމަނަކަށް، ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް ވަނީ ހަމަޖައްސައިފަ އެވެ.