ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލާގައި ތިން މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. 

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނިކޮށް، އެ ސައިކަލްތައް 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. 

ނަމަވެސް ސައިކަލްތައް ދުއްވި މީހުންނާ މެދު ހަރުކަށި ފިޔަވަޅު ނާޅާތީ އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމާއި މީޑިއާ އިން ސުވާލުތައް ކުރިމަތި ކުރުމާ އެކު، ފުލުހުން ދެންމެ ބުނި ގޮތުގައި ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ 2،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. ތިންވަނަ މީހާ 4،000ރ. އިން ޖޫރިމަނާކުރީ ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. 

ތިން ސައިކަލް 30 ދުވަހަށް ހިފެހެއްޓީ އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް، ދުއްވުމުން ކަމަށް ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.

މި މައްސަލާގައި ހިމެނޭ ތިން މީހުން އެންމެ ފަހުން ޖޫރިމަނާ މި ކުރީ އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު ނާޅާތީ އާންމުން ރަތަށް އަރައި، ފުލުހުންނަށް ފާޑުކިޔަން ފެށުމުންނެވެ. 

މީޑިއާ އިން ކުރިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައިކަލް ދުއްވި މީހުންނާ މެދު ފިޔަވަޅު ނާޅާ ކަމަށެވެ. ސަބަބެއް ކަމަށް އޭރު ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާތީ އެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ރޭގަނޑު ވަގުތުގައި ތިން ސައިކަލެއްގައި ތިން މީހަކު ވަރަށް ބާރު ސްޕީޑުގައި ސިނަމާލެ ބްރިޖުގައި ދުއްވާ މަންޒަރެވެ.

މާލެއާ ވީ ފަޅިއަށް އެ މީހުން ބްރިޖުގައި ދުއްވަމުން ދިޔައިރު އޭގެ ތެރެއިން ދެ ސައިކަލެއް ދުއްވަން ތިބި ދެ މީހަކު އޮތީ ސައިކަލުގެ މަޑިމަތީގައި އެއްކޮށް އޮށޯވެގެން އޮވެ، ހުންގާނުގައި ހިފަހައްޓައިގެންނެވެ. އަދި ތިން ވަނަ މީހާ ވެސް އެ މީހުންގެ ކައިރިން ވަރަށް ބާރަށް ސައިކަލުގައި ދަނިކޮށް ވީޑިއޯގައި ފެނެ އެވެ. 

ނުރައްކާތެރިކޮށް ސައިކަލް ދުއްވީ ބްރިޖު މަތިން މާ ގިނަ ބަޔަކު ދުއްވާފައި ނުދާތީ ބެލެވެނީ އެކަން ހިނގީ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެކަމަކު ކޮންމެވެސް ވަރަކަށް ބްރިޖުގައި އޭރު ވެސް ވެހިކަލް ދުއްވާތަން ފެނެ އެވެ.