ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ދެ ބިދޭސީއަކު ފުލުހުން މާލެއިން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ހިލާފަށް ދުއްވި މައްސަލައެއްގައި ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކު ކަމަށާއި އެ ދެ މީހުންނަކީ ވެސް ސްރީލަންކާ ދެމީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިއްޔެ ރޭ ދަންވަރު 2:00 ޖެހިފަހުން ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ހިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަށް ފެނިގެން އެ ސައިކަލު ހުއްޓުވި ކަމަށެވެ.
ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމުން އެ ސައިކަލު ޓޯ ޔާޑަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޓޯ ޔާޑުން އެ ސައިކަލު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ދިމާނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، އެ ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ލަންކާ ދެ މީހުން ހައްޔަރުކުރީ ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.