ހުއްދަ ނެތި ބޭސް އެތެރެކޮށްފި ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް، ބޭހާ ބެހޭ ގަވައިދު އިއްޔެ ނެރެފި އެވެ.
އެމްއެފްޑީއޭ އިން ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން އެ ގަވައިދާ ހިލާފުވެއްޖެ ނަމަ 10،000ރ-100،000ރ. އާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކޮށް ލައިސެންސް ނުވަތަ ހުއްދަ 14 ދުވަހަށް ހިފަހައްޓާނެ އެވެ.
އޭގެ އިތުރުން ބޭސް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދީފި ނަމަ އެ ކުންފުންޏެއް ބްލެކް ލިސްޓުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބޭ ކަމަށާއި އެ ފިޔަވަޅު އަޅައިފި ނަމަ ހިދުމަތް ފަށަން އަލުން ރަޖިސްޓްރީކުރަން ހުށަހެޅޭނީ ހަ މަސް ދުވަހުގެ މުއްދަތަކަށް ފަހު ކަމަށް ވެސް ގަވައިދުގައިވެ އެވެ.
ފާމަސީ ރަޖިސްޓްރީކުރުމަށް ފަހު ހިދުމަތް ނުފަށާ ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ހިނގައިފި ނަމަ ބޭސް ވިއްކުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާނެ އެވެ. އަދި ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ ދިނުމަށް ފަހު ފާމަސީ ނުހިންގާ ތިން މަސް ދުވަހަށް ވުރެ ގިނަ ވިޔަސް ވަގުތީ ގޮތުން ހުއްދަ ބާތިލްވާނެ އެވެ.
މި ގަވައިދުގެ ދަށުން އަމިއްލަ ބޭނުމަށް ވެސް ބޭސް އެތެރެކުރެވެ އެވެ. ނަމަވެސް، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް އެގޮތަށް ބޭސް އެތެރެކުރެވޭނީ ތިން މަސް ދުވަހަށެވެ. ނަމަވެސް، ބަލި މީހާގެ މެޑިކަލް ރިކޯޑު ހުށަހަޅައިގެން ހަ މަސް ދުވަހަށް ބޭސް އެތެރެކުރެވެ އެވެ.
މި ގަވައިދަށް އަމަލުކުރަން ފަށާނީ ގެޒެޓުކުރާ ތާރީހުން ފެށިގެން 90 ދުވަސް ފަހުންނެވެ. އޭގެ ފަހުން ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތައް އަލުން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.