ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކޮވިޑް މެނޭޖުކުރެއްވި ގޮތުގެ ފޯމިއުލާ ހޯދަން އެދުނު ގައުމުތަކުގެ މައުލޫމާތު ދޭން އޭރުގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު އަޒާން ހުށަހެޅުއްވި ސުވާލާ ގުޅޭ މައްސަލަ ދައުލަތުން ހައި ކޯޓުން ނަގައިފި އެވެ. 

މި މައްސަލަ ފެށުނީ ކޮވިޑުން އަރައިގަނެ ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމަށް އޭރުގެ ރައީސް އިބޫ ގެންގުޅުއްވި ފޯމިއުލާ ހޯދަން އެހެން ގައުމުތަކުގެ ވެރިން ވެސް ގުޅުއްވަމުން ގެންދަވާ ކަމަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެންނެވެ. 

އެ ވިދާޅުވުމާ އެކު މިހާރުގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޒާން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފޮރިން މިނިސްޓްރީ އަށް ހުށަހެޅުއްވީ ފޯމިއުލާ ހޯދަން ގުޅި ގައުމުތަކަކީ ކޮބައިތޯ ސާފުކުރެއްވުމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީން އެ މައުލޫމާތެއް ނުދިނެވެ. 

އެ މިނިސްޓްރީން އެ މައުލޫމާތު ދޭން އިންކާރުކުރީ އެއީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަދަލުކުރެވޭ މައުލޫމާތެއް ކަމަށް ބުނެ އެވެ. އަދި އެ މައުލޫމާތު ހާމަކޮށްފި ނަމަ، މުސްތަގުބަލުގައި އެފަދަ މައުލޫމާތު ސަރުކާރަށް ލިބުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެފައިވެ އެވެ. 

މިނިސްޓްރީގެ އެ ޖަވާބު ބަލައިނުގަނެ އިންފޮމޭޝަން ކޮމިޝަނަރު އެންގެވީ އަޒާންއަށް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އެކަމަކު އެ ނިންމުމަށް އަމަލުނުކޮށް ހައި ކޯޓަށް މިނިސްޓްރީން މައްސަލަ ހުށަހެޅި އެވެ. 

ހައި ކޯޓުން ފުރަތަމަ އެ މައްސަލަ ބަލައިނުގަތެވެ. އެ ކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލަ ކޯޓަށް ހުށަހެޅިދާނެ ކަމަށް އެންމެ މަތީ ކޯޓުން ނިންމި އެވެ. އެހެންވެ، މިނިސްޓްރީން އަލުން މައްސަލަ ހައި ކޯޓަށް ވެއްދި އެވެ. 

ނަމަވެސް، ފޮރިން މިނިސްޓްރީ ތަމުސީލުކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ އޮފީހުން މައްސަލަ ރިވިއުކުރުމަށް ފަހު، ދެން އިތުރަށް އެ މައްސަލަ ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ. އެ ދައުވާ ފޯމް ބާތިލް ކުރަން ދައުލަތުން އެދޭތީ ހައި ކޯޓުން މިހާރު ވަނީ އެ ދައުވާ ބާތިލްކޮށް، މައްސަލަ ފައިލްކޮށްފަ އެވެ.