ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެ އިން ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ މާލޭގެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރިއިރު އެ ސައިކަލުންނާއި އެ މީހުން ދިރިއުޅޭ ގެއިން 17 ފުޅި ބަނގުރާ ފެނިގެން ކަމަށެވެ.

ހައްޔަރު ކުރި ދެ ބިދޭސީންގެ އަތުން ފެނުނު ރާ ފުޅިތައް-- ފޮޓޯ: ޕޮލިސް
ހައްޔަރު ކުރި ދެ ބިދޭސީންގެ އަތުން ފެނުނު ރާ ފުޅިތައް-- ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެ ދެ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މީހުން އިމިގްރޭޝަނާ ހަވާލުކުރީ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށާއި ރާއްޖެއިން ޑީޕޯޓުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަނގުރާ އުފުލުމަށް އެ މީހުން ބޭނުންކުރި ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރީގައި ބިދޭސީންގެ ބައިވެރިވުން ބޮޑުކަން ފަހަކަށް އައިސް ފާހަގަވެ އެވެ.