ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ އައްޔަންކުރެއްވުމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.

މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހަަޅައި ބަހުސް ކުރުމަށް ފަހު ދިޔާނާއަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 52 މެންބަރުންގެ އިއްތިފާގުންނެވެ.

ދިޔާނާ އެޓާނީ ޖެނެރަލްކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް ފަހުން އިސްތިއުފާ ދެއްވީ އެވެ. 

އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރަކަށް ދިޔާނާ އައްޔަންކުރެއްވި އެވެ. 

ފޮރިން ސާވިސްގައި އުޅުއްވާ ބޭފުޅަކަށް ނުވާތީ ސަފީރުކަމަށް އައްޔަން ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަރުހަލާއެއްގެ ގޮތުގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރެއްވީ މިދިޔަ އެޕްރީލް މަހު އެވެ.