ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށާއި ބެލްޖިއަމަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު މިއަދު އައްޔަންކޮށްފި އެވެ.
އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ އައްޔަންކުރެއްވުމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ދިޔާނާ އަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 52 މެންބަރުންގެ އިއްތިފާގުންނެވެ.
ދިޔާނާ އަށް ރުހުން ދީފައިވާތީ އޭނާ ސަފީރު މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އޭނާއަށް މަގާމު ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ދިޔާނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލާ އޮފް ލޯސް، ޖަޕާނުގެ ޔުނިވާސިޓީ އޮފް އޮސާކާއިން މާސްޓާ އޮފް ލޯރސް އަދި އިނގިރޭސި ވިލާތުގެ ލެސްޓާ ޔުނިވަސިޓީން މާސްޓާ އޮފް ލޯސް ހާސިލްކުރައްވައިފަ އެވެ.
އޭނާ މީގެ ކުރިން ސަރުކާރާއި ދައުލަތުގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ވެސް މަތީ މަގާމުތަކެއް ފުރުއްވާފައިވެ އެވެ. އޭގެ ތެރޭގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކު) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރުކަމުގެ މަގާމާއި ދިވެހި ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ހިމެނެ އެވެ.
ދިޔާނާ ބަންޑާރަ ނައިބު ކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް ފަހުން އިސްތިއުފާ ދެއްވީ އެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރަކަށް ދިޔާނާ އައްޔަން ކުރެއްވި އެވެ.
ފޮރިން ސާވިސްގައި އުޅުއްވާ ބޭފުޅަކަށް ނުވާތީ ސަފީރުކަމަށް އައްޔަން ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ މަރުހަލާއެއްގެ ގޮތުގައި އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރެއްވީ މިދިޔަ އެޕްރީލް މަހު އެވެ.