މޫސުން ގޯސްވެ، ވައިގަދަ ވެފައި ވާތީ، ސިނަމާލެ ބްރިޖާއި ލިންކުރޯޑުން ދަތުރުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ޓްރެފިކް ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ދަތުރުކުރާއިރު ރައްކާތެރިވުމަށް ހަތަރު ކަމެއް ކުރުމަށް އެދިފަ އެވެ. އެއީ؛

- ބުރުގާ އަޅާ މީހުން، ވަޔާއެކު މޫނު މައްޗަށް ބުރުގާ ނުދާނެހެން ބެހެއްޓުން

- ފެންވަރު ރަނގަޅު ވިއްސާރަކޯޓެއް ބޭނުންކުރުން

- ވައި ގަދަވާ ގަޑިތަކުގައި އުޅަނދު ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ދުވެލި ބެހެއްޓުން

- އުޅަނދުގެ ހެޑްލައިޓް އަދި ޓެއިލްލައިޓު ދިއްލާފައި ބެހެއްޓުން

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ އެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފަ އެވެ. މިއަދު ހެނދުނު 10:45 އިން ހަވީރު 4:00 އަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ރަށްތަކާ ހަމައަށް އެލާޓު ނެރެފައިވެ އެވެ.