ރާއްޖެ އަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ. 

އެ އިދާރާ އިން ބުނީ ރަބަރު ކޮތަޅެއްގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތި، މާލޭ ކޮމާޝަލް ހާބަރުން އަތުލައިގަތީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

އެ ތަކެތި ޓެސްޓްކުރިއިރު ވަނީ މެތްއެމްފެޓަމީން އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ބަރުދަނުގައި 22.3 ކިލޯ ހުރިއިރު މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. 

ޑްރަގު ގެނައީ ކޮން ގައުމަކުން، ކާކު ކަމެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެ އެވެ. 

ކަސްޓަމްސް އިން ގިނަ އަދަދެއްގެ ޑްރަގު އަތުލައިގަތް އިރު މިދިޔަ މަހުގެ ފަހުކޮޅޫ ވެސް ވަނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.8 ކިލޯގެ ހަޝިޝް އޮއިލް އާއި 740 ގްރާމްގެ ކެނަބިސް ހިފަހައްޓައިފަ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް އެ ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.