ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އައި އިންޑިއާ މީހަކު އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ މި މަހު ފަސް ވަނަ ދުވަހު ކަމަށެވެ.

އެ ތަކެތި ފެނުނީ އެ މީހާގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެމީހާގެ ލަގެޖް ބަލާފާސްކުރުމުން ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

އޭނާ ރާއްޖެ ގެނައީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެވެ. އެ ތަކެތީގެ ބަރުދަނުގައި 450 ގްރާމު ހުރި ކަމަށް ވެސް ކަސްޓަމުން މައުލޫމާތުދީފައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހުން އިންޑިއާގެ މީހުން ވަނީ އިތުރުވެފަ އެވެ.

މިދިޔަ އޭޕްރީލް މަހު އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ހާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފަ އެވެ.

އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން، ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށާއި އެ މީހެއްގެ އަމިއްލަ ދަބަސްތަކާއި ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް އެންސީބީން ވަނީ ލަފާ ދީފަ އެވެ.