ވަކިނުކޮށް އެއްކޮށްގެން ހުރިހާ ކުންޏެއް ގެންނަ ފަރާތްތަކަށް ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީން ހިދުމަތް ނުދޭން ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ. 

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ މުޅި ރާއްޖޭގެ ނިސްބަތުން ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 ޕަސެންޓަކީ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެންނަ ކުނި ކަމަށާއި އަދި އެތަނަށް ގެންދެވޭ ކުނި ހުންނަން ވާނީ އުސޫލާ އެއްގޮތަށް ވަކިކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެހެން ނަމަވެސް، ގިނަ ކަސްޓަމަރުން ގެންނަ ކުނި ހުންނަނީ ވަރަށް ބޮޑަށް އެއްކޮށްފައި ކަމަށާއި އޭގެ ސަބަބުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރަން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ ދާދިފަހުން ތިލަފުށީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ކުނި ވަކިނުކޮށް އެއްކޮށްގެން ގެންނަ މައްސަލަ ކަމަށެވެ. 

ވެމްކޯއިން ބުނިގޮތުގައި އެ ފެސިލިޓީއަށް ގެންދާ ކުނި ހުންނަން ޖެހެނީ ތިން ބަޔަކަށް ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގާކުންޏާއި އެެހެނިހެން ކުނި އަދި ބޮޑެތި ކުންޏެވެ. 

ވެމްކޯ އިން ބުނިގޮތުގައި އޭގެ ތެރެއިން ވެސް ހާއްސަކޮށް ގާކުނި ހުންނަންވާނީ އެހެން ކުންޏާ އެއްނުވާނޭހެން ވަކިކޮށްފަ އެވެ. 

ދެމެެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުނި މެނޭޖް ކުރުމަށާއި އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެގޮތަށް ކުނިތައް ވަކިކޮށްފައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެމްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުނި ވަކިނުކޮށް ގެންނަ ފަރާތްތަކަށް އެތަނުން ހިދުމަތް ނުދޭން ނިންމާފައިވާ ކަމަށެވެ.

"ވަކިނުކޮށް އެއްކޮށްގެން ކުނި ގެންނަ ފަރާތްތަކަށް ތިލަފުށި ރީޖަނަލް ފެސިލިޓީ އިން ހިދުމަތް ފޯރުކޮށް ނުދެވޭނެ ވާހަކަ ހަނދާންކޮށް ދެމެވެ. ތިލަފުށީ ފެސިލިޓީން ހިދުމަތް ފޯރުކޮށްދެވޭނީ ކުނި ވަކިކޮށްގެން ގެނައުމުންކަން ދަންނަވަމެވެ." އިއުލާނުގައިވެ އެވެ. 

ވެމްކޯ އިން ބުނީ ގަވާއިދާ އެއްގޮތަށް ކުނި އުކާލެވޭކަން ޔަގީންކުރުމަށް، ކުނި ވަކިކޮށް އިސްލާހު ކުރުމަށް ފޮނުވާލެވޭ އުޅަނދުފަހަރުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށެވެ.

އެ އިއުލާނާ އެކު ވެމްކޯ އިން ވަނީ ލޭންޑިން ކްރާފްޓަށް ކުނި ލޯޑުކުރާއިރު އެކަން ކުރަންޖެހޭނެ ގޮތުގެ ފޮޓޯއެއް ހިމަނައިފަ އެވެ. އޭގައިވާ ގޮތުން، ފުރަތަމަ ލޯޑުކުރަން ޖެހެނީ ބޮޑެތި ކުންޏެވެ. އަދި އެހެނިހެން ކުންޏާއި އޭގެފަހުގައި ގާކުންޏެވެ. 

ކުނި ބަރުކުރަންޖެހޭ ގޮތުގެ ކުރެހުމެއް --- ފޮޓޯ/ވެމްކޯ
ކުނި ބަރުކުރަންޖެހޭ ގޮތުގެ ކުރެހުމެއް --- ފޮޓޯ/ވެމްކޯ

ވެމްކޯ އިން ބުނީ ކުނި ލޯޑުކޮށްފައި ހުންނަންވާނީ އުޅަނދު ހުސްކުރާއިރު ވަކިކުރެވޭ ގިންތިތަކާ އެއްގޮތަށް ކުނި ވަކިން ހުސްކުރެވޭނެ ގޮތަށް ކަމަށެވެ. 

ވެމްކޯއިން އެގޮތަށް އެންގިއިރު، މިދިޔަ މަހުގެ ފަހުކޮޅު ވެމްކޯ ސައިޓްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހުނެވެ. އަދި ވެމްކޯގެ އޮޕަރޭޝަން އާންމު ހާލަތަށް ގެނެސް ހިދުމަތް ފެށީ އިއްޔެ އެވެ.