ރާއްޖެއަށް އައި އިރު ޕެޑެއްގެ ތެރޭގައި މަސްތުވާތަކެތި ގެނެސް، އެ ތަކެތި ހަވާލުކުރަންޖެހޭ މީހާއަށް ރައްދުކުރަން އެ. ގެންގޮސް ލީ ސައިކަލެއްގެ ޕޮކެޓަށް ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މއ. މޯނިން ވިއު، އާމިނަތު ޝަފަގު، 32، އެކަން ކުރީ އެހެން މީހެއްގެ އިރުޝާދަށް ކަމަށް ބެލެވޭ ކަމަށާއި އޭނާ އެ ތަކެތި ރައްދުކުރަން ބުނި މީހާ ވެސް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ހޯދާފައިވާކަން ކޯޓު އަމުރުން އެނގެ އެވެ.
އެގޮތުން، ކޮންޓްރޯލް ޑެލިވަރީގެ ތެރެއިން ޝަފަގު މަސްތުވާތަކެތި ގެންގޮސްލާފައިވަނީ ހުޅުމާލެ އެމްޕީއެލް ޓަވަރުގެ ޕާކިން ޒޯނުގައި ހުރި ސައިކަލެއްގެ ޕޮކެޓަށެވެ. ސައިކަލް ޕޮކެޓުން އެ ތަކެތި ނަގަން ދިޔައީ މ. ލިއޯނިސް، އަބްދުﷲ ތޯއިފް، 32، އެވެ.
އެ ވަގުތު އޭނާ ހައްޔަރުކޮށް، ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސްކުރުމުގެ ތެރެއިން ވެސް މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އިއްޔެ އަމުރުކޮށްފަ އެވެ.
މިދިޔަ އޭޕްރީލް މަހު ފަހުކޮޅު ހައްޔަރުކުރި ޝަފަގު އޭރުއްސުރެ ހުރީ ބަންދުގަ އެވެ. ޝަފަގުގެ ބަންދަށް 15 އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މައްސަލައިގެ ހެކީގެ ގޮތުގައި ކަސްޓަމްސް އިން ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ ހިދުމަތަށް މީހުންނާއި ތަކެތި ހަވާލުކޮށްފައިވާ ކަަމަށެވެ. އަދި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމުގެ ހުއްދަ އާއި ފުލުހުންގެ ބަޔާން ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
އަމުރުގައިވާ ގޮތުން އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާ ދޭތެރެއިން ދެ ޕެޑް ނަގައި ދިނުމުން ބަލައި ފާސްކުރި އިރު ދެ ޕެޑު ދޭތެރޭގައި ފޮރުވާފައި އޮތް ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެ އެވެެ. ކޮންޓްރޯލް ޑެލިވަރީގެ ބޭނުމަށް އެ ތަކެތި ސަބްސްޓިޓިއުޓް ބޭނުންކޮށްފައިވާ ކަމަށާއި އެ ތަކެތި އެތެރެކުރުމުގައި އޭނާއާ އެކު ބައިވެރިވި ފަރާތުން ދިން އިރުޝާދާ އެކު އެ ފެނިފައިވާ ތަކެތި އެހެން ފަރާތަކަށް ހަވާލުކުރި ކަމަށް އަމުރުގައިވެ އެވެ.
މަސްތުވާތަކެތީގެ ތަހުލީލީ ނަތީޖާ ދައްކާ ގޮތުން ޑައިމޯފިނަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި 29.19 ގްރާމް ހުއްޓެވެ. ކުޑަކަމުދާ ތަކެތި ވެސް ބެންޒޯޑާއިޒީޕައިން އާއި ކެނަބިސް އަށް ޕޮޒިޓިވްވެފައިވެ އެވެ.