ހުޅުމާލެ 2 ގައި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތްކުރަން ފަށައި، ނުނިމި ދިގުލައިގެން ގޮސްފައިވާ މިސްކިތުގެ ޑިޒައިނަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށާއި އެ މިސްކިތުގެ މަސައްކަތް މިއަަހަރު ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތް ޑިޒައިންކޮށްފައި ހުރި ގޮތުންނާއި އިދާރީ ގޮތުން އެސްޖޭ ކުންފުންޏަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށާއި އެކަމުގައި ބައެއް ފަރާތްތަކުން އެ ކުންފުނި ކުށްވެރިކުރާ ކަމަށެވެ. ކުރިން ޑިޒައިންކުރި ގޮތަށް އެ މިސްކިތް ބިނާކޮށްފި ނަމަ ރަނގަޅަށް ވާރޭ ހިޔާ ނުވުން ފަދަ މައްސަލަތައް ދިމާވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
އިސްމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

"އެހެންކަމުން އިންޖިނޭރުންގެ އާ ނަޒަރިއްޔާތަކާ އެކުގައި އެ ޑިޒައިނަށް މިހާރު ވަނީ ބަދަލުތަކެއް ގެންނަވާފައި، އެޗްޑީސީއާ މަޝްވަރާކުރެވިގެން، އަޅުގަނޑުމެން މި އުއްމީދުކުރަނީ ﷲ އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ މަަޝްރޫއު ނިމޭނެކަމަށް،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިސްކިތުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށް އެބަ ދެ އެވެ. އެ މިސްކިތް ނިންމުމަކީ ސަރުކާރުގެ އަޒުމެއް ކަމަށާއި މި ސަރުކާރުން އެ މިސްކިތް ނިންމައި ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަހީމް އެގޮތަށް ޖަވާބު ދެއްވީ އެސްޖޭ އިން އަޅާ މިސްކިތް ނުނިމި ދިގުލައިގެން ދިޔައީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަަމަށް، މެންބަރު ހުސައިން ވިދާޅުވުމުންނެވެ. 

އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.-- ފޮޓޯ: ފަޔާޒް މޫސާ . މިހާރު
އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.-- ފޮޓޯ: ފަޔާޒް މޫސާ . މިހާރު

"މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑާއި މިނިސްޓަރާ އަދި ޓެކްނިކަލް ޓީމްތަކާ އެޗްޑީސީއާ އެއްކޮށް ވެސް މަަޝްވަރާ ކުރެވުނު، އެބަހުރި ވަރަށް ބޮޑެތި މައްސަލަަަތައް،" ހުސައިން ވިދާޅުވި އެވެ.

ހިޔާ ފްލެޓުތައް ކައިރިން ސަލާހުއްދީން ސްކޫލާ އިންވެގެން އޮންނަ ބިމުގައި އެ މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ސޮއިކުރީ ޖެނުއަރީ 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނުވަތަ އެއް އަހަރާއި ތިން މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސަައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުގެ ސަބަބުން އާންމުންގެ ނުރުހުން ވެސް ދަނީ އަމާޒުވަމުންނެވެ.

އެ މިސްކިތް އިމާރާތްކުރަން ބޭރުން ގެންނަ މުދަލުން ޑިއުޓީ ނުނަގާތީ އެސްޖޭ އިން އޭގެ ފައިދާ ނަގައި، އެހެން މަސައްކަތްތައް ކުރަމުންދާ ކަމުގެ ތުހުމަތު ކުރާއިރު އެކަން ދޮގުކޮށް އިސްލާމިކް މިނިސްޓަރު ޝަހީމް ކުރިން ވިދާޅުވީ، އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށެވެ.

އެސްޖޭ ކުންފުންޏަށް އަމާޒުވާ ތުހުމަތުތައް ދޮގުކުރައްވައި، ޝަހީމް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައި ވަނީ މިސްކިތުގެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށީ މި ސަރުކާރު އައި ފަހުން ކަމަށެވެ.

ޑިޒައިންގައިވާ ގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.

ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކުރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ހުށަހެޅުމުންނެވެ.

މައްސަލަ ބޮޑުވެފައިވާ އެސްޖޭގެ މިސްކިތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިމޭނެ ކަމަށް މިނިސްޓަރު ޝަހީމް އެ އަހަރުގެ ކުރީކޮޅު ވިދާޅުވެފައި ވެ އެވެ.