އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
17 ޑިސެމްބަރ 2025 - 15:43
ހުޅުމާލެ 2 ގައި އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ކުރީކޮޅު ބުނެފައިވީ ނަމަވެސް މަސައްކަތުގެ ސްޕީޑު ހުރި ގޮތަށް ބަލާއިރު އެ ތާރީހަށް ނުނިންމޭނެކަން ޔަގީންވެއްޖެ އެވެ.
ހިޔާ ފްލެޓުތައް ކައިރިން ސަލާހުއްދީން ސްކޫލާ އިންވެގެން އޮންނަ ބިމުގައި އެ މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ސޮއިކުރީ ޖެނުއަރީ 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނުވަތަ އެއް އަހަރާއި ތިން މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެ މަސައްކަތް ނުނިމި އެތައް ދުވަހެއް ދިގުލައިގެން ދާތީ އެތައް ބައެއްގެ ޝަކުވާ އިތުރުވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި އަހަރުގެ ފެބްރުއަރީ މަހު ވިދާޅުވީ، މި ޑިސެމްބަރު މަހުގެ ނިޔަލަށް އެ މިސްކިތުގެ މަސައްކަތް ނިންމާނެ ކަމަށެވެ.
އެކަމަކު، މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ބަލާއިރު އަދި އެ މިސްކިތް އެއްކޮށް ނިންމާލަން ގާތެއް ވެސް ނުވެ އެވެ. ކޮންސްޓްރަކްޝަން މަސައްކަތްތައް އަދިވެސް ނުނިމެ އެވެ.
އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައި.--- ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެސްޖޭ މިސްކިތް ލަސްވާ ސަބަބާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ކަމާ ގުޅޭ އޮފިޝަލުންނާ މިއަދު ސުވާލުކުރި ނަމަވެސް ވަކި ޖަވާބެއް ނުދެއްވި އެވެ.
އެސްޖޭ އިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސަައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވެސް މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ މިސްކިތް އިމާރާތްކުރަން ބޭރުން ގެންނަ މުދަލުން ޑިއުޓީ ނުނަގާތީ އެސްޖޭ އިން އޭގެ ފައިދާ ނަގައި، އެހެން މަސައްކަތްތައް ކުރަމުންދާ ކަމުގެ ތުހުމަތު ކުރާއިރު އެކަން ދޮގުކޮށް އިސްލާމިކް މިނިސްޓަރު ޝަހީމް ކުރިން ވިދާޅުވީ، އެއްވެސް މުދަލަކުން ޑިއުޓީ މާފުކޮށްފައި ނުވާނެ ކަމަށެވެ.
އެސްޖޭ ކުންފުންޏަށް އަމާޒުވާ ތުހުމަތުތައް ދޮގުކުރައްވައި، ޝަހީމް މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައި ވަނީ މިސްކިތުގެ މަސައްކަތް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށީ މި ސަރުކާރު އައި ފަހުން ކަމަށެވެ.
އެސްޖޭ މިސްކިތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު: އެ ތަނުގެ މަސައްކަތް މި ޑިސެމްބަރަށް ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ބުނެފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޑިޒައިންގައިވާ ގޮތުން އެއީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ކޯޓްޔާޑާ އެކު، 3،000 މީހުންގެ ޖާގަ އެ މިސްކިތުން ލިބޭނެ އެވެ.
ހުޅުމާލެ 2 ގައި އެ މިސްކިތް ހަދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުން ހެދީ މާލޭގެ ޒިކުރާ މިސްކިތް ހެދުމަށް އެސްޖޭ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން، އޭގެ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ހުށަހެޅުމުންނެވެ.
އޭގެ ފަހުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޒިކުރާ މިސްކިތް އަޅަން އެސްޖޭ އަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ވެސް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އޭޖީ އޮފީހުުގެ ލަފައާ އެކު، އެ މައްސަލަ ކޯޓުން ބޭރުން އޭރު ހައްލުކުރީ، ހުޅުމާލޭގައި މިސްކިތެއް ހެދުމަށާއި އަދި އެ މިސްކިތް އިމާރާތް ކުރުމަށް 30 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ހިނގާ ހަރަދު އެސްޖޭގެ ސީއެސްއާރުގެ ދަށުން ކުރާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަސި
17 December 2025
އެސްޖޭއަށް އެނގޭނެ މިސްކިތް ނުނިއްމައިގެން އެމީހުންނަށް ވާނެ ގެއްލުމެއް ނޯންނާނެކަން.
ޱރ ޝަމްދީދު
17 December 2025
ޓެންޱާރ ބޯޱުން މިކުންފުނި ބޭރުކުރަން އަދިވެސް ނުވޭތޯ ؟ މިވެރިން އެޅި އަރަބިއްޔާ ސްކޫލްގެ ބަދަލު ހޯދަން ކެރޭނެ ސަރުކާރެއްގެ އިންތިޒާރު ލައްކަގިނަ ދިވެހިން އެބަކުރޭ.
ޢަލީބެ
17 December 2025
ޢަރަބިއްޔާ އެކަންޏެއްނޫން ސޯލިހުހުޅުވި ދަރުމަވަންތަ ސްކޫލުވެސް އެހެރީ މަރާމާތުން އަރާނުގަނޭ. އެއްޗެކޭ ބުނާމީގާ ގޯސްވާނީ. ރަނގަޅު ރައީސަކު ނުލިބެނީ
ޢާރީ
17 December 2025
އެސްޖޭއިން ތިއަށް ވުރެ ފަހުން އަޅަށް ފެށި ލަގުޒަރީ ފުލެޓްތައް ވެސް އެހަރަ ފަތުއަޑް ކިޔާފަ ނިމެނި. އެކަމް މިސްކިތް ހުރީ ހުއްޓިފަ މީގެ އަޑީގަ ގޮތްނޭގޭ ކަންތައް ގަޑެއް އުޅޭކަށް ކަށަވަރު.
ޑެބީ
17 December 2025
ޝަހީމޫ މިސަަރުކާރުއައި ފަހުންވެސް 2 އަހަރުވީ. 1 އަހަރާ 3 މަހުން ނިންމަންޖެހޭ މިސްކިތެއް. ބަޔަކު ބޮލުގައި އަޅުވާފަ އަމިއްލަ މީހާގެ ޒިއްމާއިން ރެކެން އުޅުނަސް ބޮޑުވަރުތީ.
ޑރ ވާންޗޯ
17 December 2025
ތިޔަ އެސްޖޭ ތީ ކޮންމެސަރުކާރެއްއަޔަސް ބަލަދުއަރާ ބައެއްތަ؟.
ގަރުދިޔަ
17 December 2025
ކަރުދާސް ކުންފުނި ހަދައިގެން ދައުލަތް ލޫޓުވުން އާއްމުވެއްޖެ. ބަދަލު މައްޗަށް ބަދަލު.
ކޮރަލް
17 December 2025
ސޮއިކުރީ ޖެނުއަރީ 2022 ގަ އެވެ. ބައެއް މީހުންނަށް މިސްކިތް ނުނިންމާ ހުރީމަ ވާ ފައިދާ ބޮޑީ އެވެ. ޑިއުޓީ ފްރީ ވާ ވާހަކަ ވެސް އަޑު އެހީމެވެ. މިސްކިތް ނުނިމި ހުރީ ފައިސާ ނެތިގެނެއް ނޫނެވެ. ޕްރޮޖެކްޓް ނުނިންމިއަސް ފުލުފުލުގަ ޕްރޮޖެކްޓް އެބަ ލިބެ އެވެ. 1 އަހަރު ތެރޭ ބަރުބަރީ މިސްކިތް އެއޮއް ނިންމާލަނީ އެވެ. މިކަމުގައި މަސައްކަތް ނެގި ފަރާތާ މިނިސްޓްރީ އާ ސަރުކާރުގެ އިހްމާލް އެބަ އޮތެވެ.
މިއައު
17 December 2025
އެސްޖޭއަށް މި މަސައްކަތް ނުނިންމި އޮތީމަ އެސްޖޭއަށް އަނެއްކާ ބޮޑު ބަދަލެއް ދޭން ނުޖެހޭނެބާ.. ކަން ހިނގާފަ ހުރި ގޮތަށް ބަލާފަ މިވެސް ހަމަ ވެދާނެ ގޮތެއް
ކަކުނިބޯ
17 December 2025
ދޭންޖެހޭނެ ޔަޤީން
ފޫހި
17 December 2025
ސަލްމާން މިސްކިތުގާ އޭސީ ހަލާކުވެފާ ހުންނަތާ މިހާރު 2 އަހަރުވީ އަދިވެސް ރަގަޅޫނުކުރޭ . ހުކުރު ދުވަހު ހުކުރު ނަމާދު ކުރަނީ ގޫނުގަދަކަމުން ހުރިހާ ބޮޑެތި ދޮރުތައް ހުޅުވާގެން އެވަރުންވެސް ހޫނުކަމުން ކެއްނުވޭ ........... އިސްލާމިކު މިނިސްޓުރީ އޮތީ ގަދަނިދީނިދާފަ