މާލެ އައި ލޯންޗަކުން ޖެޓީއަށް ބޭލި، ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ. 

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. މުންޑޫ، ސެވެންސްޓާ، އުމުރުން 44 އަހަރުގެ އަލީ ނާޒިމް  އެވެ. 

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހު މާލެއަށް އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިން ޒޯންއާ ދިމާލުން ޖެޓީ މަތީގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. 

އެ ފޮށީގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް އޭގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅުމާ އެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ކަމަށާއި އެތަނުގެ ސީސީޓީވީ ފޫޓޭޖްތައް ބަލައި އަދި ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން ފޮށި ވަގަށް ނެގި މީހާ ދެނެގަނެވުނު ކަމަށެވެ. އޭނާ ފޮށި ގެންދިޔަ ތަން ދެނެގަނެވުމުން، އެ ފޮށި ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ އަލީ ނާޒިމް ހައްޔަރުކުރީ ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ވަގަށް ނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު އޭގެ ތެރެއިން 248،500ރ. އާއި އެ ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ 7000ރ. ގެ ފޯނެއް ފެނިފައިވެ އެވެ. 

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.