ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯކަމުގައި ހުންނެވި މުހައްމަދު ނިމާލް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން މިއަދު އިއުލާން ކުރައްވައިފި އެވެ. 

ފޭސްބުކްގައި ނިމާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. 

އެހެންވެ، އަންނަ މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސް ޕާޓީގެ ނައިބު ރައީސްކަމުގެ އިންތިހާބުގައި އޭނާ އަށް ތާއީދުކޮށް އަދި ވޯޓު ދިނުމަށް އެދިވަޑައިގެންފައިވެ އެވެ. 

ނިމާލް ވިދާޅުވީ މިދިޔަ ދައުރުގެ ބޮޑުބައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ޕާޓީގެ ނައިބު ރައީސްގެ ހައިސިއްޔަތުން، އެމްޑީޕީގެ އޭރުގެ ސަރުކާރުން ކުރިމަތިކުރި އެކިއެކި ފިއްތުންތަކާއި ގޮންޖެހުންތަކާ އެކު ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. 

ނިމާލް ވިދާޅުވި ގޮތުގައި ޕާޓީގެ މެމްބަރުންނާއި ގިނަ މީހުންގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކަކީ އެކަމުގައި ދެމިހުންނެވުމަށް ލިބިވަޑައިގެންނެވި އެއް އަަސާސް އެވެ. 

"ޕާޓީ ވެރިކަމަށް ގެނައުމަށް ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން އެންމެންގެ އަޑުއަހައިގެން ޓީމު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެވުނުކަމީ، އަޅުގަނޑަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި އެހާމެ ބޮޑު ހިތްހަމަޖެހުމެކެވެ،" ނިމާލު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ. 

ނިމާލު ވިދާޅުވީ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން ކަމަށެވެ. އެކަމަކު މިއަދު އެ ޕާޓީގެ ދެވަނަ ކޮންގްރެސް އަށް ކުރިމަތިލާފައިވާއިރު ޕާޓީ ވެރިކަމުގައި އޮތުމަކީ ލިބިވަޑައިގަންނަވާ ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނިމާލް ވިދާޅުވީ އެއީ އެ ޕާޓީގެ ހުރިހާ މެމްބަރުން ވަރުބަލި ކަމެއް ނެތި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އޭނާ ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމާއި ސުލްހަ އާއި ތަަރައްގީ ގެނައުމަށާއި ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭ ވެއްޓިފައިވާ އަނދަވަޅުން ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ޕީއެންސީގެ ފަރާތުންނާއި އަމިއްލަ ފަރުދީގޮތުން ދެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ. 

ނިމާލް ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބު، ރައީސް މުއިއްޒަށް ކާމިޔާބުކޮށް ދިނުމުގައި އެ ޕާޓީގެ މެމްބަރުންނާ އެކު މަސައްކަތް ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އަދި ސިޔާސީ ބޭނުމަށާއި އެހެން ކަމަކަށް ވެސް ދޮގެއް ނުހަދާނެ ކަމަށާއި އެގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ. 

ޕީއެންސީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވަން ނިމާލު ނިންމެވިއިރު ޔޫތު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވެސް ޕާޓީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވާނެ އެވެ. 

ޕީއެންސީގައި ޖުމްލަ ހަތް ނައިބު ރައީސުން ތިއްބަވާއިރު އެ ޕާޓީ ވެރިކަމުގައި އޮންނަ އިރު އޭގެ ތެރެއިން އެއް މަގާމަކީ ރާއްޖޭގެ ނައިބު ރައީސަށް ހާއްސަކުރާ މަގާމެކެވެ. އެހެންވެ، އެ މަގާމަށް އޮޓަމެޓިކުން ވަޑައިގަންނަވާނީ މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. 

އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ މަހުގެ 15 އިން 18 އަށެވެ.