ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ކަމަށް ތުހުމަތުު ކުރެވޭ މީހަކު އައްޑޫ މަރަދޫން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަރަދޫ، ފާގަތިގެ ބަލައި ފާސްކޮށް، އެ ގޭ އަބްދުﷲ އުމަރު ހައްޔަރުުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެެވެ. އެ ގެ ބަލައި ފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 ބާވަތެއްގެ ތަކެތި ފެނުނު ކަމަށާއި އެއީ އައްޑޫގެ އެކި ގޭގެއިން ވަގަށް ނަގައިގެން ވިއްކާފައިވާ ތަކެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.
"...އޭގެ ތެރޭގައި، ޕަވަރ ޓޫލް، ކާޗާ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނޭ. މި ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައި،" ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި މައުލޫމާތުގައި ބުންޏެވެ.
އެ މައްސަލާގައި ތުހުމަތުކުރެވޭ އަބްދުﷲ އުމަރު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ވަގަށް ނަގާފައިވާ ތަކެތި ނުގަތުމަށް އެފަދަ މައްސަލަތައް ރިޕޯޓްކުރަން އިލްތިމާސްކުރާ ކަމަށެވެ.