ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު އައްޔަންކޮށް، އެ ބޭފުޅުން މަގާމުގެ ހުވާކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ފަނޑިޔާރުން މަގާމުގެ ހުވާކުރައްވައި މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.
ސިވިލް ކޯޓަށް ގާޒީން ހޯދުމަށް މިދިޔަ މަހުގެ 21 ގައި ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އިންޓަވިއުއަށް ފަހު މަގާމަށް އައްޔަންކުރީ؛
- މުހައްމަދު ނިޝާތު، ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް،
- އާސިޔާ އަޒީމާ، ރ.ހުޅުދުއްފާރު، ރޯޒްވިލާ
މިދިޔަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުން ފެށިގެން ނިޝާތު ހުންނެވީ ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުގަ އެވެ. އޭނާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާސް އޮފް ލޯ އަދި މާސްޓާ އޮފް ލޯ ހާސިލު ކުރައްވައިފަ އެވެ.
ޝަރުއީ ދާއިރާއާ ގުޅުންހުރި މަގާމުތަކުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ނިޝާތު ވަނީ އެޓާނީ ޖެނަރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމާއި ލީގަލް އޮފިސަރުކަމާއި ސީނިއާ ލީގަލް އޮފިސަރުގެ މަގާމާއި ރާއްޖޭގެ ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް އަދި ސެކްރަޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އަޒީމާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އާއި ޔުނިވާސިޓީ އޮފް ބާމިންހަމް އިން މާސްޓާ އޮފް ލޯ ހާސިލު ކުރައްވައިފަ އެވެ. އަޒީމާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އޮގަސްޓް 27، 2014 އިން ފެބްރުއަރީ 28، 2021 އަށް ފުރުއްވައިފަ އެވެ.
ސިވިލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު ހޯދަން ޖޫން މަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 42 ބޭފުޅުންގެ ތެރެއިން އައްޔަންކުރަން ޖޭއެސްސީން ނިންމި ބޭފުޅުންގެ ތެރޭގައި ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓްކަމުން ވަކިކުރި މުހައްމަދު ރާގިބްގެ ނަން ވެސް އޮތެވެ. ނަމަވެސް އޭނާއާ ގުޅޭ ގޮތުން ހުރި މައްސަލަތަކަކާ ހެދި، އޭނާ އައްޔަން ނުކުރަން ފަހުން ވަނީ ނިންމައިފަ އެވެ.
މީގެ ހަތް އަހަރުކުރިން ރާގިބް މެޖިސްޓްރޭޓް ކަމުގެ މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރަ އާއި ކޮށްފައިވާ ހުކުމްތަކަކަށް ބަދަލު ގެނައުމާއި މުވައްޒަފުންނާ މެދު ތަފާތުކުރުން ގެންގުޅުމާއި މައްސަލަ ހުށަހަޅާ ބައެއް މީހުންނާ ގާތް ގުޅުންތައް ބޭއްވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބައެއް ކަންކަން ކުރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ؛
- ސުލައިމާން މުހައްމަދު، ޅ. ކުރެންދޫ ނޫރާނީމާގެ
- އަހުމަދު ތައުފީގު، ހއ.ދިއްދޫ ޑޭޒީމާގެ
- މުހައްމަދު އަބްދުﷲ، ތ. ވޭމަންޑޫ ޑްރީމް
ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމާއި ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމު ވެސް ފުރުއްވި ސުލައިމާނަކީ ޝަރުއީ ދާއިރާގައި 12 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސުލައިމާނަކީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އިން ބެޗްލާ އޮފް ޝަރީއާ އެންްޑް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުގައި ހުންނެވުމަށް ފަހު ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ތައުފީގު ވަނީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ތައުފީގަކީ މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗްލާސް އޮފް ލޯ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުއީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ތައުފީގު ވަނީ އެޓާނީ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ސްޓޭޓް އެޓާނީގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި މުހައްމަދު އަބްދުﷲ އަކީ އިންޑިއާގެ ކަރުނާޓަކާ ލޯ ޔުނިވާސިޓީން ބެޗްލާ އޮފް އާޓްސް އެންޑް ބެޗްލާ އޮފް އެލްއެލްބީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުއީ ދާއިރާގައި 8 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަބްދުﷲ ވަނީ 2017 އިން ފެށިގެން ޕްރޮސެކިއުޓާ ޖެނަރަލް އޮފީގުގައި ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމު ފުރުއްވައިފަ އެވެ.