ވ. ފެލިދޫގައި އަޅާ އެ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތާ އެކު ސިޒޭރިއަންގެ ހިދުމަތް ވެސް ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ކުޑަ އަތޮޅު، ވ. އަތޮޅުގައި މީހުން ނުވިއްސާތާ 14 އަހަރުވެފައިވާތީ، އެކަމާ ގުޅިގެން ހެލްތުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އެ އަތޮޅު ފެލިދޫ ހޮސްޕިޓަލުން މީގެ ކުރިން މީހުން ވިއްސި ކަމަށެވެ. ނަމަވެސް ފަހުން، މާބަނޑު މީހުން ވިހަން އެތަނަށް ނުދާތީ ޑޮކްޓަރުން ނުތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއް ސަބަބަކީ އޮޕަރޭޝަން ކުރާނެ ތިއޭޓަރެއް ނެތުމެވެ.
އެ ރަށުގައި އާ އިމާރާތް އަޅަން ސަރުކާރުން ވަނީ އެމްޓީސީސީއާއެކު މާޗު 12، 2025 ގައި ސޮއިކޮށްފަ އެވެ. އެ މަސައްކަތަށް 105 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.
އޮފިޝަލް ވިދާޅުވީ އެއް ވަނަ ލެވެލްގެ ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމުން ސިޒޭރިއަން ހެދުމާއެކު އެ ލެވެލްގެ ހުރިހާ ހިދުމަތެއް ދޭނެ ކަމަށެވެ.
"މަސް ދެމަސް ވެގެންދާއިރު ވެސް ސިޒޭރިއަން ހަދާކަށް އެންމެ ކޭހެއް ވެސް ނުލިބުމާއި މި ކަހަލަ ގޮތްގޮތަށް ވާތީ ޑޮކްޓަރުން މަޑުކުރުމަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ޕްލޭންކޮށްފައިވަނީ، ވ. އަތޮޅު ހިމެނޭހެން ޑޮކްޓަރުން ލިބުން ދަތި ރަށްރަށަށް، ޑޮކްޓަރުން ރޮޓޭޓްވާ ގޮތަށް ހަދައިގެން ފަރުވާ ފެށުމަށެވެ.
އޭގެ މާނައަކީ އެ ތަނުގައި ހުންނަވާ ޑޮކްޓަރަކު މަހެއް ކޮށްލާފައި އެހެން ހޮސްޕިޓަލަކަށް ބަދަލުކުރުމެވެ.
"ހަމައެއާއެކީގައި މާލެއިންނާއި އަދި ކައިރި ހޮސްޕިޓަލްތައް މިސާލަކަށް މީމު ރީޖަނަލް ހޮސްޕިޓަލް، ފ. އަތޮޅު ހޮސްޕިޓަލް، މި ހޮސްޕިޓަލްތަކުން ޑޮކްޓަރުން އެ ތަނަށް ގޮސްގެން ވެސް ހިދުމަތް ދޭ ގޮތަށް ހަމަޖައްސައިގެން އެ ހޮސްޕިޓަލުގައި ވެސް ހިދުމަތް ކޮންޓިނިއުކުރެވޭނެ ނިޒާމެއްގެ ތެރެއިން ކުރާށޭ މި ސަރުކާރުން ވިސްނާފައި އޮތީ. މި ދައުރުގެ ތެރޭގައި އެކަން ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ސިޒޭރިއަން ނުހެދުނަސް ގުދުރަތީގޮތުން ވިހެއުމުގެ ހިދުމަތް ދޭ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ހޯދަން ވެސް އެ ތަނަށް ނުދާތީ، ފާއިތުވި އަހަރުތަކުގައި އެއްވެސް މީހަކު ވިއްސާފައެއް ނުވެ އެވެ.