ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކުރާ ބައެއް މީހުންނަށް އެހީތެރިވާނެ މީހަކު ނެތި، "ދޫކޮށްލާފައި ބައިިތިއްބާތީ" ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމަށް ވިދާޅުވެ، ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިންނާ މަޖިލީހުން ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީފަރުވާދޭ މަރުކަޒުތަކަށް ގެންދާ ދިވެހި އަދި ބިދޭސީ ބައެއް ބަލިމީހުންނަށް އެހީތެރިވާން ނުވަތަ ބަލަހައްޓަން ބެލެނިވެރިއަކު ނުހުންނަ ކަމަށެވެ. އެގޮތަށް ބަލަހައްޓާނެ މީހަކު ނުހުންނަ މީހުންނަށް ނަރުހުންނާއި ވޯޑް އެޓެންޑެންޓުން އެހީތެރިވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޑޫ ވިދާޅުވީ އެގޮތަށް ބެލެނިވެރިއަކު ނެތި ތިބޭ ބައެއް ބަލި މީހުންނަކީ ފާހާނާއަށް ވެސް އެކަނި ނުދެވޭ ހާލަތުގައި ތިބޭ މީހުން ކަމަށެވެ.
ހޮސްޕިޓަލްގައި ނުވަތަ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރާ ބަލިމީހުންގެ އެހީތެރިން ނުތިބުމުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތައް ސިޓީގައި ކުޑޫ ފާހަގަކުރައްވާފައި ވެ އެވެ.
ސިޓީގައި ކުޑޫ ފާހަގަކުރެއްވި މައްސަލަތައް
- 'އިމަޖެންސީ' ނުވަތަ 'ވޯޑް' ތަކުގައި ބަލިމީހުންނަށް އެހީތެރިވެދިނުމަށް ނުވަތަ ބެލެހެއްޓުމަށް ބެލެނިވެރިއަކު ނުހުރުން.
- ބަލިމީހުންގެ ކަންކަމުގައި އެހީތެރިކަން ދޭން، ބެލެނިވެރި އަކު ނެތުމުން ނަރުހުންނާއި ވޯޑްގެ އެޓެންޑެންޓުން އެ މީހުންނަށް އެހީތެރިވާން ޖެހުން.
- މިގޮތުން ފާހާނާއަށް އެކަނި ނުދެވޭ ހާލުގައި ގެންގޮސްދީ އެހީތެރިވެދިނުން، އަދި ކާންދިނުމުގައި ވެސް އެހީވާނެ އަދި ޒިންމާވާނެ މީހަކު ނެތުން
- ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު ގެއަށް ގެންދިއުމާ ހަވާލުވާނެ މީހަކު ނެތުމުގެ ސަބަބުން، ބަލިމީހުން ގިނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްވެ ތިބެން ޖެހުން.
- މިގޮތަށް ކަންތައް ވުމުން ހޮސްޕިޓަލްގެ އެނދު ހުސްނުވެ، އެޑްމިޓްވާން ޖެހޭ އެހެން މީހުންނަށް ޖާގަނުލިބުން.
- ބަލިމީހާއަށް ފަރުވާ ދިނުމާއި ގުޅޭގޮތުން ނިންމުންތައް ނިންމާނެ އާއިލީ ފަރާތެއް ނެތުމުގެ ސަބަބުން ފަރުވާ ލަސްވުން.
- ބިދޭސީ ބަލިމީހުންނަށް 'ހެލްތު އިންޝިއުރެންސް' ސްކީމެއް ނެތުމުގެ ސަބަބުން، ވަގުތުން ދޭން ޖެހޭ އަދި ފުރާން ސަލާމަތް ކުރުމުގެ ފަރުވާ ދިނުން ލަސްވުމުގެ މައްސަލަތައް ކުރިމަތިވުން.
މީގެ އިތުރުން ވެސް ގިނަ އެހެން މައްސަލަތަކެއް ފާހަގަކުރައްވައި ކުޑޫ އެދިވަޑައިގަތީ ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުން ރައްުޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ.