ސެޓްލައިޓް މިޝަނާ ގުޅޭގޮތުން އަންހެން ކުދިންނަށް ހާއްސަ ކޮށްގެން އިންޑިއާގައި ބާއްވާ ބޮޑު ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރަކަށް ލިބިއްޖެ އެވެ.

ވިމެން އިން މެނޭޖްމަންޓް (ވިމް) އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 23 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ "މިޝަން ޝާކްތީސެޓް" ގެ ދެ ވަނަ ފިޔަވަހީގެ ހަރަކާތުގައި ރާއްޖެ އިން ބައިވެރިވާނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލަށް ކިޔަވަމުން އަންނަ އާމިނަތު ނޯޔާ ސަމީހު ކަމަށެވެ. 

އޭނާ ވަނީ އެންމެ ފަހުން ބޭއްވި އޯ ލެވެލް އިމްތިހާނުގައި ރާއްޖެ އިން އެއްވަނަ ހޯދައިފަ އެވެ.

ފުރަތަމަ ފިޔަވަހީގައި ކުދިން ވަނީ އޯބިޓަލް މެކޭނިކްސް އަދި ސެޓެލައިޓް ޕްރޮޕަލްޝަން ފަދަ ސްޕޭސް އިންޖިނިއަރިންގެ ބައިތައް އޮންލައިންކޮށް ދަސްކޮށްފަ އެވެ.

ދެވަނަ ފިޔަވަހީގައި، ކޮންމެ ގައުމަކުން ހޮވާލެވޭ ކުއްޖަކަށް އިންޑިއާގައި ސެޓެލައިޓް ރޭވުމާއި އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެވޭނެ އެވެ.

ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީ އަށް ބޮޑު ޝައުގެއް ހުންނަ ނޯޔާއަށް، މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާނުންނާ ބައްދަލުވެ، ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

އެ ހަރަކާތުގައި 108 ގައުމަކުން 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.

އެ މަޝްރޫއުގެ ދަށުން އުފައްދާ ސެޓެލައިޓް އިފުތިތާހު ކުރަން ހަމަޖައްސާފައިވަނީ މި އަހަރުގެ އޮކްޓޯބަރު 11 ގަ އެވެ. އަދި އަންނަ އަހަރު ހަނދުގެ އޯބިޓަށް ފޮނުވާލާ ކިއުބްސެޓެއް އުފެއްދުމުގައި ވެސް އެ ބައިވެރިން ބައިވެރިވާނެ އެވެ.

ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ވެސް ބައިވެރިވާ ނޯޔާ މީގެ ކުރިން ވެސް ރާއްޖެ އަދި ބޭރުގެ ފޯރަމްތަކުގައި ބައިވެރިވެ، ސައިބަ ބުލީ އަދި ސައިބަ ސޭފްޓީ އަށް ހޭލުންތެރިކުރުވުމަށް އަޑު އުފުލާފައިވެ އެވެ.