ދެ ހާސް ތިރީސް ވަނަ އަހަރު ނިމުމުގެ ކުރިން ހަނދުގައި ހިނގައި، އެތަނުގައި ބޭހެއް ބިނާކުރުން، އަދި އެއަށްފަހު ފަހަރުގައި މާސް އަށް ދަތުރުކުރުން: ފާއިތުވި 30 އަހަރު ޖައްވީ ދާއިރާގެ ހުނަރުތައް ތަރައްގީކުރުމަށްފަހު، ޗައިނާއިން މިހާރު އަންނަނީ ޖައްވީ ދަތުރުފަތުރުގެ ދާއިރާގައި އެމެރިކާއަށް އޮތް ބާރުވެރިކަމަށް ގޮންޖަހަމުންނެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން އިންސާނުންނާ އެކު ހަނދުގެ ވަށައިގެން ދަތުރުކުރުމަށް ރާވާފައިވާ "އާޓެމިސް 2" މިޝަނަށް ތައްޔާރުވަމުންދާއިރު، ޖައްވީ ކަންކަމުގައި ޗައިނާގެ އަމާޒުތައް ހުރި ގޮތް ބަލައިލަން ހިނގާށެވެ.

ޗައިނާގެ "ކްރޫޑް ޕްރޮގްރާމް" އަކީ ކޮބާ؟ 

"ޕްރޮޖެކްޓް 921" ގެ ނަމުން މަޝްހޫރުވެފައިވާ، ޗައިނާއިން އިންސާނުންނާ އެކު ޖައްވަށް ދަތުރުކުރުމުގެ ޕްރޮގްރާމް ފެށީ ސެޕްޓެމްބަރު 21، 1992 ގަ އެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޖައްވީ ދާއިރާގެ އަމިއްލަ ހުނަރުތައް ތަރައްގީކޮށް، އަމިއްލަ ޖައްވީ މަރުކަޒެއް ނުވަތަ ސްޕޭސް ސްޓޭޝަނެއް ބިނާކުރުމެވެ.

ޗައިނާއިން 2003 ވަނަ އަހަރު ފުރަތަމަ އެސްޓްރޮނޯޓް، ޔަންގް ލިވޭ ކުރި ފުރަތަމަ ދަތުރަށްފަހު، މިހާތަނަށް އިންސާނުންނާ އެކު ގާތްގަނޑަކަށް 15 މިޝަން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

"އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން" އިން 2011 ވަނަ އަހަރު، އެމެރިކާގެ ނުފޫޒުން ޗައިނާ ބޭރުކޮށްލުމާ ގުޅިގެން ޗައިނާއިން ވަނީ އަމިއްލަ ޖައްވީ މަރުކަޒެއް ބިނާކޮށް ފައެވެ.

"ޓިއަންގޮންގް" ނުވަތަ "ފަޒާގެ ގަނޑުވަރު" ގެ ނަމުން ނަންދެވިފައިވާ މި ޖައްވީ މަރުކަޒަށް ފުރަތަމަ އެސްޓްރޮނޯޓުން ދިޔައީ 2021 ވަނަ އަހަރު އެވެ. މިހާރު ވެސް ޗައިނާގެ ތިން އެސްޓްރޮނޯޓުން (ޓައިކޯނޯޓުން) އެތަނުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަރުކަޒުގެ ސަބަބުން ޖައްވީ ހިނގުންތައް ނުވަތަ ސްޕޭސްވޯކްތަކާއި، އުޅަނދުތައް ގުޅުވައިލުން ނުވަތަ ޑޮކްކުރުން، މަރާމާތުކުރުމާއި ޖައްވުގައި ތިބުމުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމުގެ މުހިންމު ތަޖުރިބާތައް ޗައިނާއަށް ދަނީ ލިބެމުންނެވެ.

ޗައިނާގެ ހުޅަނގު އުތުރު ގޯބީ ސަހަރާގައި ހުންނަ ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުގައި، މިޝަން ފެށުމުގެ އެއް ދުވަސް ކުރިން، "ޝެންޒޯ-18" އުޅަނދު އެ ފޮނުވާލުމަށް ބޭނުންކުރާ "ލޯންގް މާޗް-2އެފް" ރޮކެޓާ އެކު، ލޯންޗް ޕެޑް މަތީގައި.
ޗައިނާގެ ހުޅަނގު އުތުރު ގޯބީ ސަހަރާގައި ހުންނަ ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުގައި، މިޝަން ފެށުމުގެ އެއް ދުވަސް ކުރިން، "ޝެންޒޯ-18" އުޅަނދު އެ ފޮނުވާލުމަށް ބޭނުންކުރާ "ލޯންގް މާޗް-2އެފް" ރޮކެޓާ އެކު، ލޯންޗް ޕެޑް މަތީގައި.

ޗައިނާއިން އިންސާނުންނާ އެކު ކުރި އެއްވެސް ދަތުރެއްގައި މިހާތަނަށް ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާއެއް ހިނގައިފައެއް ނުވެ އެވެ. އަދި މި ޕްރޮގްރާމަކީ ވަކިވަކި މަޝްރޫއުތަކެއްގެ ބަދަލުގައި، ދިގު މުއްދަތުގެ ޕްލޭނަކަށް، ރޯޑްމެޕެއް ބިނާކޮށް ކުރިއަށްދާ މަސައްކަތެކެވެ.

އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީގެ ފިޒިކްސް އަދި އެސްޓްރޮނޮމީ ޕްރޮފެސަރު ރިޗަޑް ޑި ގްރިޖް ވިދާޅުވި ގޮތުގައި މި މަސައްކަތް ކާމިޔާބުވަނީ ދައުލަތުގެ އެންމެ މަތީ ފަންތީގެ ސިޔާސީ އެއްބާރުލުމާއި، މެދުނުކެނޑި ލިބޭ ފަންޑާއި އަދި މި ސިނާއަތުގެ ހުރިހާ ދާއިރާއެއް މި މަޝްރޫއާ ގުޅިފައި އޮތުމުންނެވެ.

"ހުޅަނގުގެ، ހާއްސަކޮށް އެމެރިކާގެ އުސޫލުތަކާ އަޅާބަލާއިރު - އެމެރިކާގައި ސިޔާސީ ބަދަލުތަކާ އެކު އިސްކަންދޭ ކަންކަން ބަދަލުވޭ - މި މޮޑެލްގެ ސަބަބުން ކަންކަން ކުރިއަށްދާނެ ގޮތް ޔަގީންވެފައި އޮތުމާއި ނުރައްކާ ކުޑަކުރުމުގެ ފައިދާ ލިބިގެންދޭ،" އޭނާ އޭއެފްޕީ އަށް ކިޔައިދިނެވެ.

ޗައިނާގެ އެސްޓްރޮނޯޓުން ހަނދަށް ފައިބާނީ ކޮން އިރަކު؟ 

ޗައިނާގެ ޖައްވީ އިދާރާ (ސީއެންއެސްއޭ) އިން އުއްމީދުކުރަނީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށެވެ.

ޗައިނާއިން މިހާރު ވެސް ވަނީ ހަނދަށް ބައެއް ރޮބޮޓްތައް ފޮނުވައި، ހަނދުގެ ބައެއް ސާމްޕަލްތައް ބިމަށް ގެނެސްފަ އެވެ. ނަމަވެސް، އިންސާނުންނާ އެކު ކުރާ މިފަދަ ދަތުރަކަށް ތަފާތު އާލާތްތަކެއް ބޭނުންވާއިރު، އެ ތަކެތި މިހާރު އަންނަނީ ޓެސްޓު ކުރަމުންނެވެ.

  • މެންގްޒޯ (ހުވަފެނީ އުޅަނދު): ޗައިނާގެ މި އާ ޖައްވީ އުޅަނދުގެ ޓެސްޓު ދަތުރެއް މި އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިހާރު ބޭނުންކުރާ "ޝެންޒޯ" އުޅަނދުގެ ބަދަލުގައި ބޭނުންކުރާނެ މި އުޅަނދަކީ އެސްޓްރޮނޯޓުން ހަނދުގެ އޯބިޓަށް ގެންގޮސްދޭނެ އުޅަނދެވެ.
  • ލޯންގް މާޗް-10: އިންޖިނިއަރުން އަންނަނީ، ގާތްގަނޑަކަށް 90 މީޓަރު (295 ފޫޓު) ދިގު، އާދަޔާ ހިލާފަށް ބާރުގަދަ ރޮކެޓެއް ތަރައްގީ ކުރަމުންނެވެ. މިއީ ހަނދަށް އުޅަނދު ފޮނުވުމަށް ކޮންމެހެން ބޭނުންވާ ރޮކެޓެކެވެ. މި ރޮކެޓްގެ ފުރަތަމަ "ލޯ-އަލްޓިޓިއުޑް" ނުވަަތަ ތިރިން ކުރި ދަތުރު ފެބްރުއަރީ 11 ގައި ވަނީ ކާމިޔާބުކަމާ އެކު ނިންމާލައިފަ އެވެ.
  • ލަންޔޫ (ހަނދު ހިފުން): އެސްޓްރޮނޯޓުން ހަނދުގެ އޯބިޓުން ހަނދުގެ ސަތަހައަށް ބާލައިދޭނެ "ލޭންޑާ" އެވެ. މި ލޭންޑާގެ ފުރަތަމަ ދަތުރު 2028 އާއި 2029 އާ ދެމެދު ކުރާނެ ކަމަށް ބެލެވެ އެވެ.

ޗައިނާއިން ހަނދުގައި ބޭހެއް ބިނާކުރަން ބޭނުންވޭތަ؟

"އިންޓަނޭޝަނަލް ލޫނާ ރިސާޗް ސްޓޭޝަން" (އައިއެލްއާރްއެސް) ގެ ނަން ދީފައިވާ، އިންސާނުންނަށް ތިބެވޭނެ ސައިންޓިފިކް މަރުކަޒެއްގެ މައިގަނޑު ބައިތައް 2035 ވަނަ އަހަރާ ހަމައަށްދާއިރު ބިނާކުރުމަކީ ޗައިނާގެ އުންމީދެކެވެ.

މި މަރުކަޒު ބިނާކުރުމަށް ހަމަޖެހިފައިވަނީ ހަނދުގެ ދެކުނު ތަނޑީގެ ކައިރީގައެވެ. ސަބަބަކީ އެ ސަރަހައްދުގައި ގަނޑުފެނުގެ ގޮތުގައި ފެން ހުރިކަމަށް ގަބޫލުކުރެވޭތީ އެވެ.

މި މަޝްރޫއުގައި ޗައިނާއިން އަންނަނީ ރަޝިޔާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މި މަރުކަޒު ބިނާކުރުމަށް ގަސްދުކޮށްފައިވަނީ ތްރީޑީ ޕްރިންޓަރު ބޭނުންކޮށްގެން، ހަނދުގެ ފަސްގަނޑުން އެތަނުން އަމިއްލައަށް އުފައްދާ ގަލުންނެވެ. ބިމުގަ އާއި "ޓިއަންގޮންގް" ސްޕޭސް ސްޓޭޝަންގައި މިހާރު ޓެސްޓުކޮށްފައިވާ މި އުކުޅު، 2028 ހިސާބުގައި ފޮނުވާ "ޗަންގް-އީ 8" މިޝަންގައި ހަނދުގައި ޓެސްޓުކުރުމަށް ރާވަފައިވެ އެވެ. 

ޗައިނާގެ ދެކުނު ހައިނާން ޕްރޮވިންސްގެ ވެންޗަންގް ސްޕޭސް ލޯންޗް ސައިޓުން ފެބްރުއަރީ 11، 2026 ގައި އުދުއްސާލި "މެކްސިމަމް ޑައިނަމިކް ޕްރެޝަރު އެބޯޓް" ޓެސްޓެއްގައި، "މެންގްޒޯ" އުޅަނދު (ކަނާތްފަރާތުގައި) "ލޯންގް މާޗް-10" ރޮކެޓާ ވަކިވަނީ.
ޗައިނާގެ ދެކުނު ހައިނާން ޕްރޮވިންސްގެ ވެންޗަންގް ސްޕޭސް ލޯންޗް ސައިޓުން ފެބްރުއަރީ 11، 2026 ގައި އުދުއްސާލި "މެކްސިމަމް ޑައިނަމިކް ޕްރެޝަރު އެބޯޓް" ޓެސްޓެއްގައި، "މެންގްޒޯ" އުޅަނދު (ކަނާތްފަރާތުގައި) "ލޯންގް މާޗް-10" ރޮކެޓާ ވަކިވަނީ.

ޗައިނާގެ ޖައްވީ އިދާރާ އިން ބުނާ ގޮތުގައި، މި މަރުކަޒުގެ ބޭނުމަކީ ހަނދު އުފެދުނު ގޮތުގެ ތާރީހީ ދިރާސާތައް ކުރުމާއި، މުހިންމު ޓެކްނޮލޮޖީތައް ތަރައްގީކުރުމާއި އަދި ހަނދުގައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމެވެ.

މި މަރުކަޒުގެ ފުޅާ ދާއިރާއެއްގެ ބޮޑު އެޑިޝަނެއް ނުވަތަ "އެކްސްޕެންޑެޑް ވާޝަން" އެއް 2040 ވަނަ އަހަރާ ހަމައަށްދާއިރު ބިނާކުރުމަށް ވެސް ވަނީ ރާވައިފަ އެވެ.

މީގެ އިތުރުން، ހަނދުގެ ނުފެންނަ ފަޅި (ފާ ސައިޑް) އާއި ބިމާ ދެމެދު މުއާސަލާތު ކުރުމަށްޓަކައި، ހަނދުގެ ވަށައިގެން ސެޓަލައިޓްތަކުގެ ނެޓްވޯކެއް ނުވަތަ "ކޮންސްޓެލޭޝަން" އެއް ވެސް ޗައިނާއިން އަންނަނީ ތަރައްގީ ކުރަމުންނެވެ.

މިއީ އެމެރިކާ ކުރާ ވާދައެއްތަ؟ 

ޗައިނާއިން ދުވަހަކުވެސް "ރޭހެއް" ނުވަތަ އެމެރިކާއާ އެކު މިކަމުގައި އޮތް ވާދަވެރިކަމެއްގެ ވާހަކައެއް ނުދައްކަ އެވެ.

"އެ މީހުންގެ ޕްރޮގްރާމްގެ މުސްތަގުބަލާ މެދު އެ މީހުންގެ އުއްމީދުތައް ބޮޑު. އަދި ހަނދަށް ދިއުމަކީ އެއްވެސް ވާދަވެރިކަމެއް އޮވެގެން ކުރާ ކަމެއް ނޫން، އެއީ ކުރިއަށް އެޅޭނެ ބުއްދިވެރި ފިޔަވަޅެއް ކަމަށް އެ މީހުން ދެކެނީ. އަދި އެމެރިކާއިން ހަނދަށް ނުދިޔަ ނަމަވެސް، ޗައިނާގެ މި ނިންމުމަށް އެއްވެސް ބަދަލެއް އަންނާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،" އެސްޓްރޯފިޒިސިސްޓް އަދި ޖައްވީ ދިރާސާވެރިޔާ ޖޮނަތަން މެކްޑޮވަލް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ "ޗައިނާއިން ހަނދުގައި ބޭހެއް ގާއިމުކުރުމަކީ، އެމެރިކާއަށް އެފަދަ ބޭހެއް ގާއިމުކުރުމުގެ ގާބިލުކަމަށް އޮތް ހަގީގީ ގޮންޖެހުމަކަށް ވާނެ" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަބަބަކީ ހަނދުގެ ދެކުނު ތަނޑީގެ ސަރަހައްދުގައި ބޭހެއް ގާއިމުކުރަން އެކަށީގެންވަނީ ވަރަށް ކުޑަ ސަރަހައްދެއް ކަމަށްވާތީ އެވެ.

ޗައިނާގެ ހުޅަނގު އުތުރު ގަންސޫ ޕްރޮވިންސްގެ ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުގައި މެއި 30، 2023 ގައި، "ޝެންޒޯ-16" މިޝަންގައި "ލޯންގް މާޗް-2އެފް" ރޮކެޓަށް އެރުމުގެ ކުރިން، ޗައިނާގެ އެސްޓްރޮނޯޓުން ކަމަށްވާ (ވ-ކ) ގުއީ ހައިޗާއޯ، ޖޫ ޔަންގްޖޫ އަދި ކޮމާންޑަރު ޖިންގް ހައިޕެންގް އަތުން އިޝާރާތްކޮށް ސަލާންކުރަނީ. -- އޭއެފްޕީ ފައިލް ފޮޓޯ
ޗައިނާގެ ހުޅަނގު އުތުރު ގަންސޫ ޕްރޮވިންސްގެ ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުގައި މެއި 30، 2023 ގައި، "ޝެންޒޯ-16" މިޝަންގައި "ލޯންގް މާޗް-2އެފް" ރޮކެޓަށް އެރުމުގެ ކުރިން، ޗައިނާގެ އެސްޓްރޮނޯޓުން ކަމަށްވާ (ވ-ކ) ގުއީ ހައިޗާއޯ، ޖޫ ޔަންގްޖޫ އަދި ކޮމާންޑަރު ޖިންގް ހައިޕެންގް އަތުން އިޝާރާތްކޮށް ސަލާންކުރަނީ. -- އޭއެފްޕީ ފައިލް ފޮޓޯ

ޗައިނާގެ ޖައްވީ ޕްރޮގްރާމްގެ މާހިރެއް ކަމަށްވާ ޗެން ލަން ވިދާޅުވާ ގޮތުގައި، މިވަގުތަށް ބަލާއިރު އިންސާނުންނާ އެކު ކުރާ ދަތުރުތަކުގައި ޗައިނާ އުޅެނީ އެމެރިކާއަށްވުރެ ފަހަތުގަ އެވެ.

ނާސާގެ "ޑްރެގަން" އަދި "އޮރަޔަން" އުޅަނދުތައް ޗައިނާގެ "ޝެންޒޯ" އުޅަނދަށްވުރެ މާ ފެންވަރު ރަނގަޅުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ނަމަވެސް، 2030 ވަނަ އަހަރާ ހަމައަށްދާއިރު، އާ ޖައްވީ އުޅަނދާއި ލޭންޑާ ބޭނުންކޮށްގެން ޗައިނާއިން ހަނދަށް އިންސާނުން ގެންދިއުމުގެ މަސައްކަތް ކާމިޔާބު ކުރުމުން، އިންސާނުން ޖައްވަށް ފޮނުވުމުގެ ދާއިރާގައި އެމެރިކާއާ ހަމަކުރާނެ ކަމަށް އަހަރެން އުއްމީދު ކުރަން."

ދެން އޮތީ މާސް؟ 

ޗައިނާގެ ޖައްވީ އިދާރާއިން ބުނާ ގޮތުގައި، 2040 ވަނަ އަހަރުގެ ފަހުން، ހަނދުގައި ބިނާކުރާ މަރުކަޒު ބޭނުންކުރާނީ "މާސް އަށް އިންސާނުން ފޮނުވުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ގާބިލުކަން ކަށަވަރުކުރުމަށެވެ."

ޗައިނާގެ ޖައްވީ އުޅަނދުތައް އުފައްދާ ކުންފުނިތަކާއި ސައިންސްވެރިން މީގެ ކުރިން ވެސް ވަނީ، މާސް އަކީ އެސްޓްރޮނޯޓުން ދިއުމަށް އަމާޒު ހިފިދާނެ މަންޒިލެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

"ނަމަވެސް، ހަނދަށް އިންސާނުން ގެންދިއުމާއި ހަނދުގެ މަރުކަޒު ބިނާކޮށް ނިމުމުގެ ކުރިން، މާސް އަށް ދިއުމުގެ ސީރިއަސް ރޭވުންތަކެއް އޮންނާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،" ޗެން ލަން ވިދާޅުވި އެވެ. -- އޭއެފްޕީ