ޗައިނާގެ ޖާސޫސީ އިދާރާއަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އެކު އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާންގް ބޭއްވި ސިއްރު ލޯބީގެ ގުޅުމުގެ މައްސަލަ ބަލަން ފަށައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އޭއައި ޗިޕް އުފައްދާ ކުންފުނީގެ ވެރިޔާ ޖެންސަން ހުއާންގް ވަނީ، ސިންގަޕޫރުގެ ޑޭޓާ ސެންޓަރު ކުންފުންޏެއްގެ އިސްވެރިއެއްގެ މަގާމުގައި ހުރި އެލިސް ހުއާންގް (އެލިސް ލެ) އާ އެކު ކައިވެނިން ބޭރުން ސިއްރު ގުޅުމެއް ބޭއްވި ކަމަށް އަމިއްލަ އަށް އެއްބަސްވެފަ އެވެ. އެމެރިކާގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި އެލިސް އަކީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީ (އެމްއެސްއެސް) އިން ރެކްރޫޓް ކޮށްގެން އުޅޭ ޖާސޫސެކެވެ.
މި މައްސަލަ ފަޅާއެރުމާ އެކު، އެންވީޑިއާގެ ބޯޑުން މިހާރު ވަނީ ކުންފުނީގެ ސިއްރުތަކެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވޭތޯ ބެލުމަށް މިނިވަން ތަހުގީގެއް ފަށައިފަ އެވެ.
ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ އިދާރާތަކުން އެލިސް މެދުވެރިކޮށް އަމާޒުހިފާފައި ވަނީ އެމެރިކާގެ އެންމެ ޒަމާނީ އޭއައި ޗިޕްތަކުގެ މައުލޫމާތާއި، އެންވީޑިއާގެ އެތެރޭގެ ވިޔަފާރީގެ ސިއްރުތައް ހޯދުމަށެވެ. އަދި އެމެރިކާއިން ޗައިނާއަށް ޗިޕް އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތް އޮތުން ލުއިކުރުމަށް އެމެރިކާއަށް ނުފޫޒު ފޯރުވުމަކީ ވެސް މީގެ ބޭނުމެއް ކަމަށް ބެލެވެ އެވެ.
އެމެރިކާގެ ތަހުގީގީ އިދާރާތަކުން އެލިސްގެ މުއާސަލާތީ މުއާމަލާތްތައް މޮނިޓާ ކުރަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާ މަސައްކަތްކުރާ ސިންގަޕޫރުގެ "މެގަސްޕީޑް" ކުންފުންޏަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއް ނެތި ސިއްރުން ޗައިނާ އަށް އެންވީޑިއާ ޗިޕް އެތެރެކުރާ ކަމުގެ ތުހުމަތު އޮތް ކުންފުންޏެކެވެ.
މި މައްސަލައިގައި ޖެންސަން ހުއާންގް އެންވީޑިއާގެ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާގެ އަނބިމީހައަށް ބޭވަފާތެރިވެވިފައިވާ ކަމަށާއި، ކުރެވުނު ކަންތަކަށް އާއިލާ އާއި ކުންފުނީގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
އެންވީޑިއާ އިން ބުނި ގޮތުގައި އެލިސްއާ އެކު ބޭއްވި ބައްދަލުވުންތަކަކީ އާދައިގެ ވިޔަފާރީގެ މުއާމަލާތްތަކެކެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ކުންފުނިން ދެ އެވެ.
މި މައްސަލަ ބޮޑުވެ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ތިން ކޮމިޓީއެއްގެ ރިޕަބްލިކަން ލީޑަރުން މިހާރު ވަނީ މިކަމާ ގުޅޭގޮތުން ހުއާންގްއާ ވަކިން ސުވާލުކުރުމަށް ނިންމައިފަ އެވެ. ނަމަވެސް ޗައިނާގެ ޖާސޫސީ އިދާރާ އިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.