ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެކޭ ބުނެގެން، ހޫނު ފެނަށް ވެއްޓުނު ކިލިޔަން އެމްބާޕޭގެ ދިފާއުގައި އެމެރިކާއިން ތެދުވެއްޖެ އެވެ. 

މައްސަލައިގައި އެމްބާޕޭ މިހާރު ވަނީ މައާފަށް ވެސް އެދިފަ އެވެ. އެކަމަކު އޭނާގެ ދިފާއުގައި އެމެރިކާއިން ވަނީ ވާހަކަ ދައްކާފަ އެވެ. އެ ގައުމުގެ ކޮންގްރެސްގެ ކޮމިޓީއަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްބާޕޭ މައާފަށް އެދެން ނުޖެހޭނެ ކަމަށެވެ. 

"މާއޯ ޒެޑޯންގަކީ ހުދުމުހުތާރު ވެރިޔެއް ކަމަށް ބުނެވިގެން ބައިނަލްއގްވާމީ ފުޓްބޯޅަ ތަރި ކިލިއަން އެމްބާޕޭ މައާފަށް އެދެން ނުޖެހޭނެ. މާއޯއަކީ ހުދުމުހުތާރު ވެރިޔެއް. ފުޓްބޯޅަ ކުޅުންތެރިޔަކު ދެއްކި ވާހަކައަކަށް ވުރެ މާ ބޮޑަށް މާއޯ ވަނީ ޗައިނާގެ ރައްޔިތުންނަށް ގެއްލުންދީފައި،" އެމެރިކާގެ ކޮންގްރެސްގެ "ސެލެކްޓް ކޮމިޓީ އޮން ޗައިނާ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

އެ ކޮމިޓީން ތުހުމަތު ކުރިގޮތުގައި މައޯގެ އަނިޔާވެރި ސިޔާސަތުތަކުގެ ސަބަބުން، ޗައިނާގެ 10 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެގެން ދިޔަ އެވެ. އަދި ޗައިނާގެ ރައްޔިތުންނަށް އަމިއްލަ ހިޔާލުފާޅުކުރުމުގެ ހައްގު ވެސް މާއޯގެ ދައުރުގައި ނިގުޅައިގެންފައިވާ ކަމަށް އެ ކޮމިޓީން ތުހުމަތު ކުރި އެވެ. 

ފްރާންސްގެ ޓޯކް ޝޯއެއްގައި ވާހަކަ ދައްކަމުން އެމްބޕޭ ބުނީ އިންޓަނެޓުން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކީ ހުދުމުހުތާރު ލީޑަރަކާއި އޭނާގެ މޫނު ގުޅުވައިގެން ހަދާފައިވާ ފޮޓޯ ކަމަށެވެ. އެ ފޮޓޯގައި އެމްބާޕޭއާ އެކު ފެންނަނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ އެވެ. 

އެ މައްސަލައިގައި ޗައިނާގެ ތިން ކުންފުންޏަކުން ވަނީ އެމްބާޕޭގެ ސްޕޮންސާޝިޕް އެއްބަސްވުންތައް އުވާލާފަ އެވެ. އަދި ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީން ބުނީ އެމްބާޕޭގެ އެ ވާހަކަތަކާ ގުޅިގެން ލަލީގާގެ މެޗުތައް ދެއްކުން ވެސް ހުއްޓާލާފައިވާ ކަމަށެވެ. 

ރެއާލް މެޑްރިޑްގެ ފޯވާޑް ދެއްކި ވާހަކަތަކާ ގުޅިގެން ލަ ލީގާއިން ވެސް ވަނީ މައާފަށް އެދިފަ އެވެ.

މައާފަށް އަދެމުން ނެރުނު ބަޔނާުގައި އެމްބާޕޭ ބުނީ އޭނާ އަށް ދެއްކުނީ ގޯސް ވާހަކަތަކެއް ކަމަށެވެ.