ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގްއަށް ނިސްބަތްކޮށް، ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިޔަން އެމްބާޕޭ ދެއްކި ވާހަކަތަކާ ގުޅިގެން އެ ގައުމުގެ ދައުލަތުގެ ޓީވީން ލަލީގާ ދެއްކުން ހުއްޓާލައިފި އެވެ.
ފްރެންސްގެ ޓޯކް ޝޯއެއް ކަމަށްވާ، "ދަ ބްރިޖް" ގައި ވާހަކަ ދައްކަމުން އެމްބާޕޭ ވަނީ، މާއޯއަކީ ހުދުމުހުތާރު ވެރިއެއް ކަމަށް ސިފަކޮށްފަ އެވެ. އެ ވީޑިއޯގައި އޭނާ ބުނެފައި ވަނީ ސޯޝަލް މީޑިއާއިން އޭނާ އަށް ފެނުނު އެންމެ މަޖާ ޕޯސްޓަކީ ހުދުމުހުތާރު ލީޑަރަކާ އޭނާގެ މޫނު ގުޅުވައިގެން ހަދާފައިވާ ފޮޓޯއެއް ކަމަށެވެ.
އެ ފޮޓޯގައި ފެންނަނީ ޗައިނާގެ މިޒަމާނުގެ ތަރައްގީގެ ބާނީކަމަށް، އެ ގައުމުން ބުނާ މާއޯ އެވެ.
އެމްބާޕޭގެ އެ ވާހަކަތަކާ ގުޅިގެން ޗައިނާގެ ކުންފުނިތަކުން ވަނީ އޭނާގެ ސްޕޮންސާޝިޕް އެއްބަސްވުންތައް ވެސް އުވާލާފަ އެވެ.
ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީވީ ހިންގާ ޗައިނާ މީޑިއާ ގްރޫޕު (ސީއެމްޖީ) ން ނެރުނު ބަޔާނެއްގައި ބުނީ، އެމްބާޕޭގެ ވާހަކަތަކާ ގުޅިގެން ލަލީގާ މެޗުތަކާއި އެމްބާޕޭ ފެންނަ އިޝްތިހާރުތަކާއި އޭނާ ޝާމިލުވާ އެންމެހާ މަންޒަރުތަކެއް ދެއްކުން ވެސް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އަލުން ލީގު ދެއްކުމާ މެދު މަޝްވަރާ ކުރާނީ ލަލީގާ އާއި ރެއާލުން އަދި އެމްބާޕޭ ސީދާ މައާފަށް އެދުމުން ކަމަށް ވެސް ސީއެމްޖީން ބުންޏެވެ. އެ ކުންފުނީގެ އެ އެންގުމާ ގުޅިގެން ލަލީގާ އާއި އެމްބާޕޭ ވެސް ވަނީ މިހާރު މައާފަށް އެދިފަ އެވެ.
ލަލީގާއިން ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކާ، އެ ލީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާގެ އެ ވާހަކަ ތަކުން ޗައިނާގެ ރައްޔިތުންނަށް ކުރި އަސަރަށް، އެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށް ވެސް ލީގުން ބުންޏެވެ.
"މި ވާހަކަތަކަކީ އެމްބާޕޭގެ އަމިއްލަ ހައިސިއްޔަތުން ދެއްކި ވާހަކަތަކެއް. މިއީ އެއްގޮތަކަށް ވެސް ލަލީގާ ތަމްސީލުކުރާ އަދި ލަލީގާިން ގަބޫލުކުރާ ހަމަތަކެއް ނޫން،" އެ ލީގުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެމްބާޕޭ ވަނީ، އޭނާ އަށް ދެއްކުނީ "ގޯސް" ވާހަކަތަކެއްކަމަށް އެއްބަސްވެފަ އެވެ.
"އެއީ ނުވިސްނައި ދެއްކުނު ގޯސް ވާހަކަތަކެއް. އޭގެ ސަބަބުން ޗައިނާގެ ސަޕޯޓަރުންގެ އިހުސާސްތަކަށް އަސަރުކުރުމުން އަހަރެން މައާފަށް އެދެން،" ޗައިނާ ބަހުން ވެސް ލިޔެފައިވާ ބަޔާނުގައި އެމްބާޕޭ ލިޔެފައިވެ އެވެ.
މި މައްސަލައިގައި ރެއާލުން އަދި ވކި އެއްޗެއް ބުނެފައެއް ނުވެ އެވެ.