ނާސާ އާއި ސްޕޭސް ފޯސް ގުޅިގެން ޖައްވުގައި ދިފާއީ ބާރެއް

ސްޕޭސް ފޯސް އަކީ އެމެރިކާގެ ދިފާއީ ބާރުގެ ގުނަވަނެކެވެ. މަސްއޫލިއްޔަތަކީ ޖައްވު ބެލެހެއްޓުމެވެ. ޖައްވީ ހަނގުރާމައެއްގައި އެމެރިކާ ތަމްސީލުކުރުމުގައި އެންމެ އިސް ބާރަކީ ސްޕޭސް ފޯސް އެވެ. ސްޕޭސް ފޯސް އަށް ހަވާލުކޮށްފައި ހުރި މަސައްކަތްތަކުގެ ތެރޭގައި، ދުނިޔެ އަށް ނުރައްކާކޮށްފާނެ ގިނިހިލަތަކުން އެމެރިކާ ރައްކާތެރިކުރުން ވެސް ހިމެނެ އެވެ.


ޔޫއެސް ސްޕޭސް ފޯސް އުފައްދާފައި ވަނީ ޕެންޓަގަނުން ބަލަހައްޓާ ގޮތަށެވެ. ނަމަވެސް، ނާސާއާ ނުލައި ޖައްވުގައި ހިރިލާން ވެސް ސްޕޭސް ފޯސް އަށް އެނގޭނެ ގޮތެއް ނެތެވެ. އެހެންކަމުން، ނާސާއާ ގުޅިގެން ދިިފާއީ މަސްރޫއުތައް ހިންގުމަކީ ނާސާ އަށް ވެސް އޮތް ބޮޑު ފައިދާއެކެވެ.

ޖައްވީ ހޯދުންތައް މިއަދާ ހަމަ އަށް އައިއިރު، ބޭނުން ވަގުތަކު ހަނދަށް ގޮސް އައިސްވުމަށް ނުވަތަ ވިޔަފާރި މާހައުލަކަށް ޖައްވު ބަދަލުކޮށްލުމަށް އުންމީދީ މަސައްކަތްތަކެއް ނާސާ އަށް ކުރެވިފައެއް ނުވެ އެވެ. ނާސާ އިން މި ކަމަށް ދޭ ޖަވާބަކީ، އާ ހޯދުންތަކަށް ބޭނުންވާ ފައިސާ ނުލިބުމެވެ. އެހެންކަމުން، ސްޕޭސް ފޯސްއާ އެކު ގުޅުން ބަދަހިކުރަން އެއްބަސްވުމާ އެކު، ނާސާ އަށް އޮތް މި ދަތިކަން ފިލައިދާނެ އެވެ.

ނާސާ އާއި ސްޕޭސް ފޯސް ސޮއިކުރީ ފަސް ސަފުހާގެ "މެމޮރޭންޑަމް އޮފް އަންޑަސްޓޭންޑިން"އެއްގަ އެވެ. މިއީ މި ދެ އޭޖެންސީ މިއިން ދުވަހަކު ވެސް އެކުވެފައި ނުވާހައި ގާތްކޮށް މަސައްކަތްކުރަން ވި އަހުދެކެވެ. މި އެއްބަސްވުން މައިގަނޑު ގޮތެެއްގައި ބާރުއަޅަނީ ހަނދު ވަށައި ދިފާއީ ބާރެއް ގާއިމުކުރުމަށެވެ.

އެމެރިކާއިން ޖައްވުގައި ދިފާއީ ބާރުވެރިކަން ގާއިމުކޮށް ހަތިޔާރާ އެކު ފާރަވެރިން ވަޒަންވެރިކުރުމަށް މަސައްކަތް ފަށާފައި ވަނީ، ޖައްވީ ޕްލަނެޓްތަކުގެ މިލްކުވެރިކަމަށް ގައުމުތަކުން ދައުވާކުރަން ފަށާފައި ވަނިކޮށެވެ. އަނެއްކޮޅުން ހަނދުގައި މިހާރު ވެސް ޗައިނާއިން ދިރާސާތަކެއް ކުރަމުން އެބަ ދެ އެވެ. މިއީ އެމެރިކާ އަށް ނުހަނު ބޮޑު ހިތާމަ އެވެ. ޖައްވުގައި ވާނުވާ އެމެރިކާ އަށް ނޭނގުމަކީ މި ފަދަ އެއްބަސްވުމަކަށް ޕެންޓަގަން އަވަސްވެގަތް އަސްލެވެ.