ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތައް އެއް ޕްލެޓްފޯމަކުން ބެލޭ ގޮތަށް އަދި ފަސޭހައިން ހޯދައި ދިރާސާ ކުރެވޭ ގޮތަށް ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފި އެވެ.

"ސަރިޔަތް" ގެ ނަމުގައި ފަރުމާކޮށްފައިވާ އެ ވެބްސައިޓަކީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ލޯންޗްކުރި ވެބްސައިޓެކެވެ. އެ ވެބްސައިޓްގައި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ހައެއްކަ ހާސް ނިންމުން މިހާރު ޝާއިއުކޮށްފައި އެބަހުއްޓެވެ.

ރަޖިސްޓަރީ ކޮށްގެން ހިލޭ ބޭނުންކުރެވޭ އެ ވެބްސައިޓް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވެސް ސާޗްކުރެވޭނެ އެވެ. އެގޮތުން ވަކި ހާދިސާއެއް ލިޔުމަށްފަހު ސާޗް ކުރުމުން އެކަމާ ގުޅޭ ނިންމުންތައް ހޯދައި، ދިރާސާކޮށްދޭނެ އެވެ.

ދޮޅު އަހަރެއްހާ ދުވަހުގެ މަސައްކަތުން އިފުތިތާހުކުރި އެ ވެބްސައިޓަކީ ރާއްޖޭގައި ކޯޓުތަކުން ނިންމުންތައް އެހާ ފަސޭހައިން ބެލޭ ގޮތަށް ހާއްސަކުރި ފުރަތަމަ ވެބްސައިޓެވެ. 

މީގެ އިތުރުން މަތީ ކޯޓުތަކުގެ ވަކިވަކި ފަނޑިޔާރުންނަށް އަމާޒުކޮށްގެން، އެ ފަނޑިޔާރުން ނިންމާފައިވާ ނިންމުންތައް ވެސް ވަކިން ބެލޭނެ އެވެ. އަދި ކޮންމެ ނިންމުމެއްގައި ވެސް އެ މައްސަލައެއްގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތައް ކުރުކޮށް ފެންނަން ހުންނާނެ އެވެ. އަދި މައްސަލަތަކުގެ ބާވަތްތަކާއި ގާނޫނީ އުސޫލުތަކާއި ކޯޓުތަކުގެ ނިސްބަތުން ވެސް ވަކިވަކިން ނިންމުންތައް ބެލެން ހުންނާނެ އެވެ.

މިވަގުތު ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ނިންމުންތައް އެކަނި ފެންނަން ހުއްޓަސް، ދަށު ކޯޓުތަކުގެ ނިންމުންތައް ވެސް ޝާއިއު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ހައި ކޯޓުގެ ކުރީގެ އަތުލުމުން ލިޔެފައި ހުރި ނިންމުންތައް ވެސް ޝާއިއު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.