އުފަންވުމާ އެކު ދައުލަތަށް ތުއްތުކުއްޖަކު ނެގުމުގައި ފެމިލީ މިނިސްޓްރީން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހިންގާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުއްޖާގެ މަންމައާ އެ ކޮމިޝަންގެ ފަރާތުން މިއަދު ބައްދަލުކޮށްފި އެވެ.
އެޗްއާރުސީއެމުން "މިހާރު" އަށް ބުނީ އެ ކޮމިޝަނުގެ ޓީމެއް ކުއްޖާގެ މަންމަ ދިރިއުޅޭ ރަށަށް މިއަދު ޒިޔާރަތްކޮށް، މި މައްސަލައާ ގުޅޭ މުއައްސަސާތަކާއި ވަކިވަކި މީހުންނާ ބައްދަލުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
"އެގޮތުން [ކުއްޖާގެ މަންމަ]އާ ބަދަލުކޮށް ތަހުގީގަށް ބޭނުންވާ ގިނަ މައުލޫމާތު މިއަދު ހޯދާފައިވޭ،" އެ ކޮމިޝަނުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެޗްއާރުސީއެމްގެ ޓީމާ އެކު އެ ކޮމިޝަންގެ ރައީސް ޑރ. އާއިޝަތު ރަމީލާ ވެސް ވަޑައިގަތެވެ.
އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަންގެ ޓީމުގެ މަސައްކަތްތައް އެ ރަށުގެ އިތުރުން ހދ. ކުޅުދުއްފުށީގައި މިރެ އާއި މާދަމާ ކުރިއަށް ގެންދާނެ ކަމަށެވެ.
ދައުލަތަށް ކުއްޖާ ނެގުމުގައި ފެމިލީ މިނިސްޓްރީން އަމަލުކުރި ގޮތް ހޯދަން، ބަލައި ފާސްކުރުމުގެ އަމުރަކާ އެކު އެޗްއާރުސީއެމުން މިއަދު ވަނީ އެ މިނިސްޓްރީގެ އިދާރާއަށް ވެސް ވަދެފަ އެވެ. ބޭނުންވާ ހުރިހާ ޑޮކިއުމަންޓެއް އަދި ނުލިބޭތީ އެ ޓީމުން އަދިވެސް އަންނަނީ މިނިސްޓްރީގައި ހަރަކާތްތެރިވަމުން ކަމަށް އެނގިފައި ވެ އެވެ.
އެޗްއާރުސީއެމްގެ ގާނޫނުން މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ލިބިދޭ 20 ވަނަ މާއްދާ އާއި 21 އަދި 22 ވަނަ މާއްދާއާ ހަވާލާދީ ނެރުނު އަމުރުގައި މިއަދުގެ ހެނދުނު 9:00 އިން މާދަމާ ރޭ 11:59 އާ ހަމައަށް ބާރު ދީފައިވާކަން ވަނީ އެނގިފަ އެވެ.
އެ އަމުރާ އެކު ކޮމިޝަންގެ ބައެއް މެމްބަރުންނާއި މުވައްޒަފުން މިއަދު އަންނަނީ އެ މިނިސްޓްރީއަށް ވަދެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރަމުންނެވެ.
މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގަކަށް އުނިކަމެއް އަތުވެއްޖެ ކަމަށް ބުނެ ޝަކުވާ ހުށަހެޅުމުން ނުވަތަ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ތަހުގީގުކުރުމުގެ ބާރު އެޗްއާރުސީއެމްގެ ގާނޫނުން އެ ކޮމިޝަނަށް ލިބެ އެވެ.
އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ސޯޝަލް މީޑިއާގައި އެކަމާ ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކުރީ ކުއްޖާގެ މަންމަ އެވެ. އުމުރުން 25 އަހަރުގެ މަންމަ ބުނެފައި ވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުންނާތީ، އަދި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ސަބަބަކަށް ދައްކައި، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. ކުއްޖާ ގެންދިޔައީ ވިހޭތާ ތިން ވަނައަށްވީ ދުވަހު އޭނާގެ ނުރުހުމުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލްވެ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހުނު ސަަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މި މައްސަލައާ ގުޅިގެން މަންމަ އާއްމުކުރި ވާހަކައަަކަށް ބަލައި، ފެމިލީ މިނިސްޓްރީން މިކަމުގައި އަމަލުކުރި ގޮތާ މެދު ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
އެކަމަކު މިނިސްޓްރީން ބުނެފައި ވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ކުއްޖަކު އެގޮތަށް ނަގާނީ އާއިލާ އިން ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި އެކަނި ކަމަށެވެ.
މިނިސްޓްރީން ބުނެފައި ވަނީ ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، އާއިލާގެ ފަރާތުންނާއި ޖަމާއާތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން، ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
އެ ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން ސާވިސް އިން އާއިލާއަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން، ކުއްޖާ ގެންދިޔައީ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ އިދާރާއަށް ހުށަހަޅާފައި ވާތީ އެވެ.
ކައިވެނިން ބޭރުގައި ލިބުނު އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމަކީ ދައުލަތަށް ކުއްޖާ ނަގަން ޖެހުނު ސަބަބުތައް ކަމަށް އެ ސިޓީގައިވެ އެވެ.