ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ދުއްވި ކުޑަ މަތިންދާބޯޓެއް ވެއްޓި، އެ ދަރިވަރާއި ފްލައިޓް އިންސްޓްރަކްޓަރަށް މިއަދު ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ "ލަ ރިއޯޖާ"ގެ ރިޕޯޓެއްގައި ބުނީ ސްޕޭނުގެ ނަވާރާ ސަރަހައްދުގެ ވިއާނާ ކައިރިއަށް ކުޑަ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މި ހާދިސާގައި ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވުމުގެ އިތުރުން އޭނާގެ ތަނބިކައްޓާއި ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި ޕޯޗުގަލްގެ ފްލައިޓް އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާގެ ކަށިތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
ދިވެހި ދަރިވަރާ ގުޅޭ އިތުރު ތަފުސީލު އަދި ނުލިބެ އެވެ.
އެ ބޯޓު ވެއްޓުނީ ވިއާނާގެ "އުލާގޯސާ" ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށެވެ. ބޯޓު ވެއްޓުނީ 300 ފޫޓު މަތިން ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
ވެއްޓުނީ އަގޮންސިއޯ އެއާޕޯޓުގައި "ޓަޗް އެންޑް ގޯ" ތަމްރީނުތަކެއް ހަދަމުންދިޔަ "ފްލައިބައި" ޕައިލެޓް ސްކޫލްގެ "ޓެކްނަމް 2006" މޮޑެލްގެ ދެ އިންޖީނު އެޅި މަތިންދާބޯޓެކެވެ.
އެ ބޯޓުގައި ތިބީ އުދުހުމުގެ 700 އަށް ވުރެ ގިނަ ގަޑިއިރު ހަމަކޮށްފައިވާ އުމުރުން 26 އަހަރުގެ ޕޯޗުގަލްގެ ފްލައިޓް އިންސްޓްރަކްޓަރަކާއި މަލްޓި-އިންޖީން ތަމްރީނުގެ ފަހު މަރުހަލާގައި އުޅޭ އުމުރުން 27 އަހަރުގެ ދިވެހި ދަރިވަރެއް ކަމަށް "ލަ ރިއޯޖާ"ގެ ރިޕޯޓުގައި ބުންޏެވެ.
އެހެން ބައެއް ރިޕޯޓްތަކުގައި ބުނީ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ އިންޖީނަށް ދޫންޏެއް ވަނުން ނުވަތަ މެކޭނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ހާދިސާގެ ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ނިންމާފައިވާ ކަމަށެވެ. ދަނޑުވެރިކަން ކުރާ ސަރަހައްދަށް ކުއްލި ގޮތަކަށް ބޯޓު ޖައްސަން އުޅުމުގެ ސަބަބުން ދެ މީހުންނަށް ވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީގެ ބެލުމުގެ ދަށުން މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު، މީގެ ހަތަރު މަސްދުވަސް ކުރިން ވެސް އެ އެކެޑެމީގެ ބޯޓެއްގެ ލޭންޑިން ގިއަރަށް މައްސަލައެއް ދިމާވެ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.