ރާއްޖޭގައި މޯބައިލް ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމް ކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމެވި ބައެއް ކަންކަމުގެ މައުލޫމާތު ރައީސް އޮފީހުން އިއްޔެ ހާމަކޮށްފައި ވާއިރު، އޭގައި ވަނީ އަންސްކިލްޑް ބިދޭސީންނަށް ދޫކުރާނީ އެއް ސިމް ކާޑު ކަމަށާއި ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި އާ ސިމެއް ލިބޭނީ ފުލުހުންނަށް އެކަން ހުށަހެޅުމަށް ފަހު އޮންނަ އުސޫލެއްގެ ތެރެއިން ކަމަށެވެ. 

ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި އިޖުރާއަތްތަކެއްގެ ދަށުން ނޫނީ އިތުރު ނަމްބަރެއް ނުދޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޖަލުތަކަށް ގާނޫނާ ހިލާފަށް ވައްދާ ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އަޅަން ވެސް ނިންމާފައިވެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީ 590،079 އަށް އަރާފައި ވާއިރު މީގެ ތެރޭގައި 196،024 ބިދޭސީން ހިމެނެ އެވެ. 

ވަޒީފާ އަދާކުރުމަށް ރާއްޖެ އަންނަ ބިދޭސީންގެ ނަމުގައި ސިމް ކާޑު ނަގައި، ކުށުގެ އަމަލުތައް ހިންގުމުގައި އެ ސިމްތައް ބޭނުންކުރާ މައްސަލަ ބޮޑެވެ. މިހާރު އާންމުވެފައިވާ ސްކޭމްގެ މައްސަލަތަކުގައި މިފަދަ ސިމް ކާޑުތައް ބޭނުންކުރުމަކީ އާންމު ކަމެކެވެ.