ހުޅުމާލެ 2 ގެ އަމާން ޓަވަރުތަކުގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ހާއްސަކޮށްފައިވާ ޑްރެއިން ޕައިޕާ ގުޅާފައިނުވާތީ އެތަނުން ފެން ލީކުވާ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މުއްދަތު ދީފި އެވެ.
އެފްޑީސީން ކުރި އިއުލާނެއްގައި ބުނީ އަމާން ޓަވަރުތަކުގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ހާއްސަކޮށްފައިވާ ޑްރެއިން ޕައިޕާ ނުގުޅާތީ، ޝާފްޓް ސަރަހައްދުތަކަށް ފެން އެޅި އިމާރާތާއި އެހެނިހެން ފްލެޓުތަކަށް ގެއްލުންވަމުންދާ ކަމަށެވެ.
އެހެންވެ، ހުރިހާ ޔުނިޓްތަކެއްގެ އޭސީ ޑްރެއިން ހޮޅިތައް ހުރީ ރަނގަޅަށް ގުޅައި ފެން ލީކުނުވާނެހެންތޯ ޔަގީންކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވެ އެވެ.
އެފްޑީސީން އަންގާފައި ވަނީ އަންނަ މަހުގެ 12 ގެ ކުރިން އެ މައްސަލަ ހައްލުކުރުމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ މުއްދަތުގެ ކުރިން އެކަން އިސްލާހުނުކުރާ ފަރާތްތަކާ މެދު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.