ހުޅުމާލެ 2 ގެ ފަހި ފްލެޓްތަކުގެ ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
އެފްޑީސީން ބުނީ އަމާން ހިޔާ އާއި އަމާން އުދަރެސްގެ ޓަވަރުތަކުގެ ބޭރުގައި ކެމެރާ ހަރުކުރުމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.
އަމާން އުދަރެހުގެ ކެމެރާތައް ޓެސްޓްކޮށް، ސީސީޓީވީ އޮޕަރޭޝަންގެ ހުރިހާ އިންތިޒާމްތައް ވެސް ނިމިފައިވާ ކަމަށާއި އަމާން ދޯދީގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް ނިމި، މިހާރު ކުރަމުން އަންނަނީ ކެމެރާ ސިސްޓަމްތައް ޓެސްޓްކުރުމާއި އޮޕަރޭޝަންގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކަމަށް އެފްޑީސީން ބުންޏެވެ.
ކެމެރާ ހަރުކުރީ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނާއި އެ ސަރަހައްދު ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށެވެ. މި ކެމެރާތައް ބޭނުންކޮށްގެން 24 ގަޑިއިރު އެ ސަރަހައްދުތައް ބަލަހައްޓާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ފަހި ފްލެޓްތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ފަހުން މީހުން ދިރިއުޅެން ފެށި ފްލެޓްތަކެވެ. އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެހުގެ 16 ޓަވަރާއެކު ޖުމުލަ 32 ޓަވަރު ހަދާފައިވެ އެވެ.
އެޗްޑީސީން މިފަހުން ވަނީ ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކުގެ ބޭރުގައި ވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ. އޭގެ އިތުރުން އެތަނުގެ އެތެރޭގައި ކޮންމެ ފުލޯއަކާއި ސިޑިގޮޅިތަކާއި ލިފްޓުތަކާއި ބޭސްމަންޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.