ހައްޖު ކޯޕަރޭޝަނުން ރޯދަ މަހުގެ އުމްރާ ޕެކޭޖުގެ އަގު ބޮޑުކޮށްފި އެވެ. 

އެ ކޯޕަރޭޝަނުން މީގެ ދެ ދުވަހެއް ކުރިން އާންމުކުރި ޕެކޭޖުގައިވާ ގޮތުން މުޅި ރޯދަ މަހުގެ އުމްރާ ދަތުރުގެ އަގުގެ ގޮތުގައި 55،965ރ. ދައްކަން ޖެހެ އެވެ. އެއީ ޝައްވާލު މަހުގެ ހަ ރޯދަ ވެސް މައްކާގައި ތިބެވޭ ޕެކޭޖެކެވެ. އަދި ޝައްވާލު މަހުގެ ހަ ރޯދައާ އެކު ފަހު ފަނަރައިގެ ޕެކޭޖުގެ އަގަކީ 50،965ރ. އެވެ. 

ހައްޖު ކޯޕަރޭޝަނުން މި އަހަރު މުޅި ރޯދަ މަހުގެ ޕެކޭޖުގެ ގޮތުގައި ނެގީ 48،969ރ. އެވެ. އަދި ފަހު ފަނަރައިގެ ޕެކޭޖުގެ އަގަށް އޭރު ކަނޑައަޅާފައި ވަނީ 45،965ރ. އެވެ. 

އެ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އުމްރާވެރިންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު އަހަރުން އަހަރަށް މަތިކުރަމުންދާ ކަމަށާއި އޭގެ ދަށުން މިހާރު ވެސް އާ ކަންކަން ތައާރަފުކުރަމުން އަންނަ ކަމަށެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަނުގެ ހިދުމަތްތަކަށް ވަކި ސްޓޭންޑަޑެއް ކަނޑައަޅާފައިވާއިރު، އެ ސްޓޭންޑަޑުތަކުން ދަށަށް ހިދުމަތްތަކެއް ނުދޭނެ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާއިރު، ހިދުމަތުގެ އަގަށް ވެސް ބަދަލުތަކެއް އަންނަކަން ފާހަގަކުރެއްވި އެވެ. 

އޭނާ ވިދާޅުވީ އުމްރާވެރިން ތިބޭ ހޮޓަލުގައި ކްލިނިކެއް ގާއިމުކޮށް، ހޮސްޕިޓަލަކުން ފޯރުކޮށްދޭ ފަދަ ހިދުމަތްތައް އެތަނުން ދެމުން އަންނަ ކަމަށެވެ. ދިވެހި ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބޭ އެ ކްލިނިކްގެ ސަބަބުން އުމްރާވެރިންނަށް ދިމާވާ ސިއްހީ ހާލަތްތަކަށް ފަރުވާ ހޯދުމަށް ފަސޭހަވާނެކަން ފާހަގަކުރެއްވި އެވެ. 

އޮފިޝަލް ވިދާޅުވީ މަދީނާގައި މަޑުކުރާ މުއްދަތު ވެސް މިހާރު ހަތަރު ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ. އެފަދަ ބަދަލުތަކެއް ގެނެސްފައި ވަނީ އުމްރާވެރިންނަށް ތާރީހީ އަދި މުގައްދަސް ތަންތަނަށް ޒިޔާރާތްކޮށް، މައުލޫމާތު ހޯދައި ދަތުރުގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެ ގޮތަށް ހެދުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ

ރޯދަ މަހުގެ އުމްރާގެ އަގު ބޮޑުކޮށްފައި ވާއިރު ހައްޖު ކޯޕަރޭޝަނުން ބުނީ މި އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އުމްރާ ދަތުރުގެ ފައިސާ ދައްކަންޖެހޭނެ ކަމަށެވެ. 

ހައްޖު ކޯޕަރޭޝަނުގެ ހިދުމަތްތަކުގެ ތެރޭގައި ތިން އުމްރާ އާއި އިތުރު އުމްރާ ކުރުމުގެ ފުރުސަތާއި ހެޔޮ އަގުގައި ޕްރައިވެޓް ކޮޓަރި އަދި ފެންވަރު ރަނގަޅު ހޮޓަލުގައި ތިބުމުގެ އިންތިޒާމާއި އުމްރާ ވިސާއާ އެކު އެއާލައިން ދެކޮޅު ޓިކެޓާއި މަދީނާ ދަތުރު ހަރަމައިން ހައިސްޕީޑު ރޭލުގައި ކުރުމާއި މައްކާ އަދި މަދީނާގެ ޒިޔާރާތް ދަތުރާއި މަދީނާގައި ތިން ރޭ ހޭދަކުރުން ހިމެނެ އެވެ. 

އުމްރާ ކިޓާއި ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އިރުޝާދުތަކާއި އުމްރާގެ ތަމްރީނު ބައްދަލުވުންތައް ވެސް ހިމެނޭ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެ އެވެ.