ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ މީހުންނަށް، އެ މީހަކު ދިރިއުޅޭ ތަނާ އެންމެ ކައިރީގައި ހުންނަ ސިއްހީ މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އެ ކޯޕަރޭޝަނުން ބުނީ އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު މީގެ ކުރިން ހަމަޖެހިފައި އޮތީ މާލޭގައި އެކަނި ކަމަށެވެ.
ނަމަވެސް، އަންނަ ނޮވެމްބަރު މަހުން ފެށިގެން އެ ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާ މީހުންނަށް މާލޭގެ އިތުރުން ރަށްރަށުން ވެސް ހިލޭ ވެކްސިން ޖެހޭނެ ކަމަށް ބުންޏެވެ.
އުމްރާއަށް ދާ މީހުން ތިން ވައްތަރެއްގެ ވެކްސިން ޖަހަންޖެހެ އެވެ. އެއީ ޕޯލިއޯ، އިންފްލުއެންޒާ އަދި މެނިންޖައިޓިސް އެވެ.
މާލޭގައި ދިރިއުޅޭ މީހުން ވެކްސިން ޖަހާނީ މާފަންނު އާބަން ޕްރައިމަރީ ހެލްތު ސެންޓަރުންނެވެ. އަދި ރަށުން އެ މީހަކާ އެންމެ ކައިރިން ވެކްސިން ލިބެން ހުރި މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ވެކްސިން ޖެހުމަށް ހައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ގެންދަންޖެހެ އެވެ. އަދި، އެ ލިޔުން ބޭނުންކޮށްގެން ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން އިތުރު އަގަކާނުލައި އިންފްލުއެންޒާ ވެކްސިން ވެސް ލިބޭނެ އެވެ.
"މި ހިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ސްޓޭޓް ފާމާއާ ގުޅިގެންނެވެ. މިއީ އުމްރާވެރިންނާއި ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުއްވި މުހިއްމު ފިޔަވަޅެކެވެ،" އެ ކުންފުނިން ބުންޏެވެ.