މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރުތަކުގެ ކަލަންޑަރު މިއަދު އާންމުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އަންނަ އަހަރުގެ އުމްރާ ދަތުރުތައް ޕްލޭންކޮށްފައި ވަނީ ދިރާސީ އަހަރުގެ ކަލަންޑަރަށް ރިއާޔަތްކޮށް، ސްކޫލް ބޮޑު ޗުއްޓީތަކާއި އާއިލާތަކަށް ފަސޭހަވާނެ ދުވަސްތަކާ ދިމާކޮށް ކަމަށެވެ.

ކަލަންޑަރުގައިވާ އުމްރާ ދަތުރުތައް 

- ރޯދަ މަހުގެ އުމްރާ (ފަހު ދިހައެއް ބަންދު)

- ޖުލައި މަހުގެ އުމްރާ (ފުރަތަމަ ޓާމްގެ ބަންދު)

- ސެޕްޓެމްބަރު މަހުގެ އުމްރާ (މިޑްޓާމް ބަންދު)

- ޑިސެމްބަރު މަހުގެ އުމްރާ (ސްކޫލްތަކުގެ ބޮޑު ޗުއްޓީ)

އަންނަ އަހަރުގެ އުމްރާ ދަތުރުތަކުގެ އަގުތަކަށް ބަދަލެއް ނުގެނެ އެވެ. ޖުލައި އަދި ސެޕްޓެމްބަރު މަހުގެ އުމްރާ އަގަކީ 30،965ރ. އެވެ. ޑިސެމްބަރު މަހުގެ އުމްރާގެ އަގަކީ 31،965ރ. އެވެ. 

ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އަންނަ ރޯދަ މަހުގެ ފަހު ފަނަރައިގެ އުމްރާއަށް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ފްލައިޓު ބޭއްވުމަށް ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޗުއްޓީތަކާ ދިމާކޮށް ބާއްވާ އުމްރާތަކުގައި ވެސް ގަމުން ޖިއްދާއަށް ދަތުރުތައް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިހާރު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުންނަށް އެއްވެސް އިތުރު އަގަކާ ނުލައި، އެ މީހަކު ހުރި ރަށަކާ އެންމެ ކައިރިން ވެކްސިލް ލިބެންހުރި ސިއްހީ މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ކޮންމެ ދަތުރަކަށް ވެސް ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ކަމަށެވެ. އެހެންވެ އުމްރާއަށް ޖާގަ ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ނުވަތަ ވެބްސައިޓް (hajj.mv) އިން ވީހާ ވެސް އަވަހަށް ރަޖިސްޓްރީވުމަށް އެދިފައިވެ އެވެ.