ރާއްޖެ އިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރަން ތައްޔާރުވެގެން ތިއްބައި ސަލާމަތީ ސަބަބުތަކަށްޓަަކައި ފުރުން ލަސްކުރި ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން މިއަދު ފުރައިފި އެވެ.
މޯލްޑިވިއަންގެ ފްލައިޓް ދަތުރުކުރަން އޭރު ނިންމާފައި އޮތީ މިދިޔަ މަހުގެ 29 ގަ އެވެ. ނަމަވެސް މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރު ފަސްކުރިކަން އެންގީ 28 ވަނަ ދުވަހުގެ ރެ އެވެ.
ހައްޖު ކޯޕަރޭޝަންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓުގައި ފުރަން ނިންމި 224 މީހުން މިއަދު ސައުދީ ފްލައިޓެއްގައި ފުރާފައިވާ ކަމަށެވެ.
މޯލްޑިވިއަނުން އެރޭ ބުނީ ސައުދީ އަރަބިއްޔާ ހިމެނޭ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި އަދި އޭރު އޮތް ހާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ބައެއް އެއާލައިންތަކުން ވެސް ސައުދީއަށް ކުރާ ދަތުރުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން އޭރު ވަނީ، މަސްރަހު ހަމައަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން އެ ދަތުރަށް ފައިސާ ދައްކާފައިވާ ހުރިހާ މީހުންނަށް އިތުރު އަގަކާ ނުލައި އެ ދަތުރު ކުރެވޭނެ ފުރުސަތު ފަހިކޮށްދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.