މާލެ ސަރަހައްދުގައި ޓޯކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ބޭނުންވާ ވެހިކަލްތައް ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ. 

ފުލުހުން ހޯދުމަށް އިއުލާނުކުރީ ފޯކްލިފްޓަކާއި ޕަވާގޭޓް ޕިކަޕެކެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ޓޯ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ވެހިކަލްތައް ހޯދަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަަމަށެވެ. 

އެ ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއަކީ 43،160ރ. އެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ނަމަ، ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު މެއިލް ކުރަންޖެހެ އެވެ. ބީލަމުގައި ރަޖިސްޓްރީވި ކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުން ކަމަށް އެ އިދާރާ އިން ބުންޏެވެެ. 

ބީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 12:00 އަށެވެ. ބީލަމަށް ރަޖިސްޓްރީކުރަން ދީފައިވާ މުއްދަތުގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަންނާނެ އެވެ. 

އިއުލާނުގައި ބުނީ އެ ޕްރޮޖެކްޓާ ގުޅިގެން ޕްރީބިޑު ބައްދަލުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ 2:30 ގައި ކަމަށެވެެ. ބީލަން ހުޅުވުން އޮންނާނީ ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ އިސްކަންދަރު ކޮށީގަ އެވެ. 

ފުލުހުން ބުނީ އަންދާސީހިސާބު ހުށަހަޅާ ފަރާތް ނުވަތަ ކުންފުންޏާ މެދު ރާއްޖޭގެ އެއްވެސް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއް ނުވަތަ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މައްސަލައެއް ކުރިއަށް ގެންދެވި ސާބިތުވެފައިވާ ނަމަ، ބިޑް އެވޯޑުނުކުރުމުގެ އިހްތިޔާރު ވެސް ފުލުހުންނަށް ލިބޭ ކަމަށެވެ. 

ބީލަން ހުށަހަޅާއިރު އަގު ހުށަހަޅާ ފޯމު ނުވަތަ ކޯޓޭޝަނާއި ބީލަން ހުށަހަޅާ ފަރާތުގެ ކުންފުނީގެ ޕްރޮފައިލާއި ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ އާއި ބިޑް ސެކިއުރިޓީ ޑޮކިއުމަންޓްގެ އަސްލު ފަދަ ލިޔުންތައް ހުށަނާޅާ ނަމަ ބިޑު ރިޖެކްޓްވާނެ އެވެ. 

ފުލުހުންގެ ޓޯ ކެޕޭސިޓީ އިތުރުކުރުމަށް ވެހިކަލް ހޯދަން އިއުލާންކޮށްފައިވާއިރު ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް މިހާރު ވެސް ދޭތެރެއަކުން ޓޯކުރެ އެވެ.