އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި މަޝްރޫއުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެ، އެ މަޝްރޫއު ހުއްޓިފައިވާތީ އަލުން އާ މަޝްރޫއެއް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ތެރޭގައި އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހިންގި ހިޔާނާތުގެ މައްސަލަތަކެއް ފަޅާއެރުމާ ގުޅިގެން އެ މައްސަލަ މިހާރު އޮތީ ޝަރުއީ މަރުހަލާގަ އެވެ. އެ ކުންފުނީގެ އޭރުގެ ސީއީއޯ ހަސަން ޝާހާ އެކު ކުރީގެ އިސް ވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އެ މީހުންނަށް ދައުވާކޮށްދިނުމަށް އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމާ ގުޅިގެން މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ. މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އަށް ފޮނުވާފައި ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އޭރު ހުންނެވި ޝާހުގެ އިތުރުން ޖެނެރަލް މެނޭޖަރު އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރަކަށް އޭރު ހުންނެވި ހ. ފެއަރީޕެލަސް، ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި އޭރު ތިއްބެވި ށ. ކޮމަންޑޫ، ޕާކީޒާ، ހުސައިން ޒުހުރީ އާއި މ. ޕޮމްޕިޔާ، މުހައްމަދު ނާޒިމް އަދި ގ. ނިލަ، އިސްމާއީލް އަދުހަމްގެ މައްޗަށެވެ.
އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އާ މަޝްރޫއަށް ހުޅުމާލެ 2 އިން ބޭނުންވާ ބިން އެޗްޑީސީ މެދުވެރިކޮށް ގާތްގަނޑަކަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީން ގަންނަ 12،000 އަކަފޫޓުގެ އެ ބިމާ ގުޅޭ އިދާރީ ކަންކަން ނިންމަން ސައުދީ ހިމެނޭ ގޮތުން އިސްވެރިންގެ ޓީމެއް އިއްޔެ ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
"އެ ބިން މިހާރު އޮތީ ގާތްގަނޑަކަށް ލިބިފައި. އެ ބިމުގައި އަޅާނެ އިމާރާތުގެ ސައިޒާއި ކިތައް ކޮޓަރިތޯ އާއި ކިހާ އުސްމިނެއްތޯ ނިންމުމުގެ މަރުހަލާ މިހާރު ކުރިއަށް މިދަނީ. މިސާލަކަށް ތިން ކޮޓަރީގެ އެޕާޓްމަންޓު ހަދައިފި ނަމަ ކިތައް ޔުނިޓުތޯ ބޭނުންވާނީ؟ އެކަންކަން މިހާރު މި ކަނޑައަޅަނީ. އެކަމަށް މުވައްޒަފުންގެ ހިޔާލު ވެސް ހޯދާނެ،" ސައުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެމްޓީސީސީގެ މުވައްޒަފުންނަށްޓަކައި އިމާރާތްކުރާ ފްލެޓުތަކުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައިގަނެވޭނެ އެވެ.
ދައުލަތުގެ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރު ވެސް ހުޅުމާލޭގައި ވަނީ ފްލެޓުތަކެއް އިމާރާތްކޮށްފަ އެވެ.
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރިން ހިންގި މަޝްރޫއާ ގުޅިގެން ގުޅިގެން އޭސީސީން ތަހުގީގުކުރީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2017 ވަނަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ 2 ގައި 15 ފުލޯގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ އެކު، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ.