ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2024 ވަނަ އަހަރު މާލީ ހަރަދުތައް ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު ކުންފުނީގެ މައިގަނޑު އިދާރީ ހަރަދުތަކުން 12.2 ޕަސެންޓު ސަލާމަތްކޮށް، ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ހޯދައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ނެރެފައިވާ އެޗްޑީސީގެ 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކުންފުނީގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަން އަންގައިދޭ "ކްލީން އޮޕީނިއަން" އެއް ވަނީ ދީފަ އެވެ.

ހަރަދުތައް ކުޑަކުރުމުގައި ހޯދި ކާމިޔާބީތައް

  • އިދާރީ ހަރަދުތައް ކުޑަކުރުން: 2023 ވަނަ އަހަރު ކުންފުނީގެ އިދާރީ ހަރަދުތަކަށް 848.2 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް 2024 ވަނަ އަހަރު އެ އަދަދު ވަނީ 710.8 މިލިއަން ރުފިޔާއަށް ތިރިކޮށްފައި. 
  • މާކެޓިން ހަރަދުތައް ކުޑަކުރުން: ކުންފުނީގެ އިޝްތިހާރުކުރުމާއި އިވެންޓުތަކަށް ކުރާ ހަރަދުތައް ބެލެހެއްޓުމުގެ ތެރެއިން މާކެޓިން ހަރަދު ވަނީ 47.79 މިލިއަނުން 21.10 މިލިއަން ރުފިޔާއަށް (55.8 ޕަސެންޓު) ދަށްކޮށްފައި.
  • ދަރަނީގެ މިންވަރު ކުޑަކުރުން: ކުންފުނިން ނަގާފައިވާ ބޭރުގެ އަދި އެތެރޭގެ ލޯނުތަކާއި ދަރަނިތަކުގެ ޖުމްލަ ވަނީ 10.18 ބިލިއަން ރުފިޔާއިން 9.44 ބިލިއަން ރުފިޔާއަށް (7.2 ޕަސެންޓު) ކުޑަކޮށްފައި.
  • އާންމުންނަށް ދޭ ހިދުމަތްތައް ފުޅާކުރުން: އިދާރީ ހަރަދުތައް ކުޑަކުރި ނަމަވެސް، ހުޅުމާލޭގެ އިމާރާތްތަކާއި އާންމު ސަރަހައްދުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރި ހަރަދު ވަނީ 183.71 މިލިއަނުން 214.91 މިލިއަން ރުފިޔާއަށް (17 ޕަސެންޓު) އިތުރުކޮށްފައި.
  • މުވައްޒަފުންގެ ވެލްފެއާ: މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށް ދެވޭ މެޑިކަލް އިންޝުއަރެންސް ހަރަދު ވަނީ 3.06 މިލިއަނުން 18.78 މިލިއަން ރުފިޔާއަށް ބޮޑުތަނުން އިތުރުކޮށްދީފައި.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރު އެޗްޑީސީއަށް އާމްދަނީގެ ގޮތުގައި 6.53 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 3.54 ބިލިއަން ރުފިޔާއަށް ދަށަށް ގޮސްފަ އެވެ. އެއީ 45.8 ޕަސެންޓުގެ ދަށްވުމެކެވެ. 

އާމްދަނީ ދަށަށް ދިޔަ ނަމަވެސް، ކުންފުނީގެ އިންވެސްޓްމަންޓް ޕްރޮޕަޓީތަކުގެ އަގަށް އައި ބަދަލުގެ ސަބަބުން ލިބުނު 1.36 ބިލިއަން ރުފިޔާއާ އެކު، ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ އެ އަހަރު ލިބިފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބިންތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން އެޗްޑީސީއަށް ލިބެންޖެހޭ 2.20 ބިލިއަން ރުފިޔާ ހިމެނޭހެން، ސަރުކާރުގެ އިދާރާތަކުން ބޮޑެތި އަދަދުތަކެއް އެޗްޑީސީއަށް ނުލިބި އެ އަހަރުގެ ނިޔަލަށް ހުއްޓެވެ. 

މީގެ އިތުރުން، އެޗްޑީސީގެ މުޅި ޓޯޓަލް އެސެޓްސްގެ އަގު 2024 ވަނަ އަހަރު ނިމުނުއިރު 45.15 ބިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، ކުންފުނީގެ ރައުސްމާލު ވަނީ 30.44 ބިލިއަން ރުފިޔާއަށް އިތުރުވެ، މާލީ ގޮތުން ވަރުގަދަ ކުންފުންޏެއްގެ ގޮތުގައި ކުރިއަށްދާކަން އޮޑިޓް ރިޕޯޓުން އެނގެ އެވެ.