ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ ބޯޑު މެމްބަރުންގެ އަދަދު ހަތަކަށް އިތުރުކުރަން ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެ އިސްލާހުގެ ބޭނުމަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުން ކަމަށެވެ.
އާ އިސްލާހުގައި ވަނީ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ އަދަދު އިތުރުކުރުމާއި މެންބަރުން އައްޔަން ކުރުމާއި އެ ބޭފުޅުންގެ ޝަރުތުތަކާއި މަގާމުގެ މުއްދަތަށް ބަދަލު ގެނެސްފަ އެވެ.
ކުރިން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އަލަށް އައްޔަންކުރާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާ އެކު، ހަތް މެންބަރުންގެ މައްޗަށެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް މީހަކު އައްޔަންކުރާނީ ރައީސެވެ.
މީގެ އިތުރުން، ބޯޑަށް ގާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާ އެކު، ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް އައްޔަންކުރަން ޖެހޭ މެމްބަރުން، މި އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އައްޔަންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.