މާލެ ސަރަހައްދުގެ އެއްގަމުދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ނަމުގައި އާ ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެެރެއިން 47 މެންބަރުން ވޯޓުދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހާ އުސޫލުތައް ހިމަނައިގެން ހަތް ބާބެއް އެކުލެވޭ ގޮތަށް ހުށަހެޅި އެ ބިލު ފާސްކުރީ ކޮމިޓީ މަރުހަލާގައި އިތުރުކުރި ބާބަކާ އެކުގަ އެވެ.
"މާލެ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލު"ގެ ނަމުގައި ބިލަށް އިތުރުކުރި އަށް ވަނަ ބާބުގައިވާ ގޮތުން އެ ބާބުގެ ބޭނުމަކީ ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް މާލެ ސަރަހައްދުގައި އާބާދީ ބޮޑުވެ، އުޅަނދުތައް އިތުރުވުމުގެ ސަބަބުން ޓްރެފިކް މެނޭޖްކުރަން ދަތިވެފައިވާތީ އެ މައްސަލަ ހައްލުކުރުމަށެވެ. އެހެންވެ އެ ބިލުގައިވާ އުސޫލުތަކާއި ޝަރުތުތައް މާލެ ސަރަހައްދުގައި ހިންގާނީ ތަފާތު ގޮތަކަށް ކަމަށް ވެސް އެ ބާބުގެ ތައާރަފްގައި ވެ އެވެ.
އެ ބާބުގައިވާ އުސޫލުތައް ހިންގަން "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފައްދާނެ އެވެ.
މާލެއަށް ހާއްސަ ބާބު އެ ބިލުގައި ހިމަނާފައި އޮތީ ތިން އަހަރު ދުވަހުގެ ތެރޭގައި އުވިގެންދާ ގޮތަށް (ސަންސެޓް) ބާބެއްގެ ގޮތުގަ އެވެ. އެކަމަކު އެ ބާބުގައިވާ މަގުސަދު އެ މުއްދަތުގެ ތެރޭގައި ހާސިލު ނުކުރެއްވިއްޖެ ނަމަ، ނެޝަނަލް ރޯޑް ސޭފްޓްީ ކައުންސިލަށް ހުށަހަޅައިގެން އެ ބާބުގެ މުއްދަތު އިތުރުކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ކަނޑައަޅާފައި ވެ އެވެ.
މާލެއަށް އުފައްދާ އޮފީހުގެ ބައެއް ޒިންމާއާއި ބާރުތައް
- މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ސިޔާސަތު ކަނޑައެޅުން
- އެއްގަމު ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރަން އާބަން ޕްލޭނެއް ކަނޑައަޅައި މަގުތައް ތަރަައްގީކުރުން
- މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކޯޓާ ކަނޑައެޅުން. ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ 30 ޕަސެންޓަށް ވުރެ އިތުރު ނުވާ ވަރަށް އުޅަނދު ރަޖިސްޓްރީކޮށްދިނުން
- ޕަބްލިކް ޓްރާންސްޕޯޓްގެ އުސޫލުތައް ކަނޑައެޅުން
- ރޯޑްވާދިނަސް ބަލަން އޮޓޮމޭޓެޑް ވެހިކަލް އިންސްޕެކްޝަން ނިޒާމެއް ގާއިމްކުރުން
ބިލުގައިވާ ގޮތުން އަލަށް އުފައްދާ އެ އޮފީހުގެ ޒިންމާތައް އަދާކުރަން ހަދަން ޖެހޭ ގަވައިދުތައް ހެދުމުގެ ބާރު ވެސް އެ އޮފީހަށް އޮންނާނެ އެވެ.
އެެއްގަމު ދަތުރުފަތުރުގެ ބިލަށް ބާބެއް އިތުރުކޮށްގެން އުފައްދާ އެ އޮފީހަށް، މިހާރު މާލޭ ސިޓީކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ކަންތައްތަކެއް ބަދަލުކޮށް، އެކަންކަމާ ގުޅޭ އާމްދަނީ ވެސް ބަދަލުކުރާ ގޮތަށް އޮތުމުން، ކޮމިޓީ ރިޕޯޓްގެ ބަހުސްގައި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރެއްވި އެވެ.